ވަކި ގޮތަކަށް އުނގެނުމުގެ ފުރުސަތު ހިފަހައްޓައިފިނަމަ، ވަރަށް ގިނަ ބަޔަކަށް އުނގެމުގެ ހައްގު ގެއްލޭނެ: ސްޓޭޓް މިނިސްޓަރ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
ވަކި ގޮތަކަށް އުނގެނުމުގެ ފުރުސަތު ހިފަހައްޓައިފިނަމަ، ވަރަށް ގިނަ ބަޔަކަށް އުނގެމުގެ ހައްގު ގެއްލޭނެ: ސްޓޭޓް މިނިސްޓަރ

ފަންނީގޮތުން ބަލާއިރު އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު އެއްކޮށް ހިފެހެއްޓުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގައި ވާހަކަދައްކަވަމުން ޝަފީޢު ވިދާޅުވީ، ތަޢުލީމީ ނިޒާމަކީ ޒަމާނަށް އަންނަ ބަދަލުތަކާ އެކު ކުރިއަށްގެންދަންޖެހޭ ނިޒާމެއް ކަމަށެވެ. އަދި ވަކި ގޮތަކަށް އުނގެނުމުގެ ފުރުސަތު ހިފަހައްޓައިފިނަމަ، އޭގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އުނގެނުމުގެ ޙައްޤު ގެއްލިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަފީޢު ވިދާޅުވި ގޮތުގައި، ދިވެހިންގެ ތެރޭގައި މިހާރުވެސް އޮންލައިން ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ހޯދުމުގެ އާދަ އަށަގަންނަމުންދާއިރު، ތަޢުލީމު އުނގެނުމުގައި ވެސް މި ނިޒާމުގެ ބޭނުން ހިފެންވާނެއެވެ. އަދި ޒަމާނާ އެއްވަރަށް ތަޢުލީމީ ނިޒާމު ކުރިނާރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން މިހާރުވެސް ފާޑުކިޔުންތައް އަމާޒުކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިފަދަ ފުރުސަތުތަކެއް ފަހިވެގެން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޑިޕްލޮމާވިޔަސް ޑިގްރީވިޔަސް ހޯދުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރަނގަޅުކަމެއް. ރާއްޖެ ފަދަ ޤައުމެއްގައި އިންސްޓިޓިއުޝަންތަކާއި ދުރުގައި ވަރަށް އެކަހެރި ހިސާބުތަކުގައި ރައްޔިތުން ތިބޭއިރު ތަޢުލީމީ ނިޒާމްތައް ބައްޓަންކުރަންވާނީ އެ ފުރުސަތު ވީހާވެސް ބޮޑަށް ލިބޭގޮތަށް،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން، އޮންލައިން ނުވަތަ ވަރޗުއަލް ނިޒާމުގެ ތެރެއިން ކަންކަން މޮނިޓަރކުރުމަކީ އެހެން ނިޒާމުތަކަށްވުރެ ފަސޭހަ ކަމެއްކަން ޝަފީޢު ފާހަގަކުރެއްވިއެވެ. އެގޮތުން ދަރިވަރުންނަށް އުނގަންނައިދިނުމާއި، ދަރިވަރުންނާ އެކު ކުރެވޭ މުޢާމަލާތްތައް ދެނެގަތުމުގައި އޮންލައިން ނިޒާމެއްގެ ތެރެއިން ބެލެހެއްޓުން މާ ހަރުދަނާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ ދާއިރާއަކުން ކިޔެވި ނަމަވެސް، ދަސްވެނިންގެ ތެރޭގައި އެކި ފެންވަރުގެ މީހުން ތިބޭނެކަން ފާހަގަކުރައްވަމުން ޝަފީޢު ވިދާޅުވީ، ކޮންމެ މީހަކަށްވެސް ދަސްވެނިވުމުގެ ފުރުސަތު ދެވެނީ ކޯހުގެ ފުރިހަމަކުރަންޖެހޭ މިންގަނޑުތަކަށް ފެތި، އެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޤާބިލުކަން ހުރިކަން ކަށަވަރުކުރުމަށްފަހު ކަމަށެވެ.

މި ބައްދަލުވުމުގައި ޝަފީޢު ވަނީ ތަޢުލީމީ ނިޒާމު ބައްޓަންކުރަންވާނީ ރައްޔިތުންނަށް އެންމެ ފަސޭހައިން އުނގެނުމުގެ ފުރުސަތު ލިބޭނެ ގޮތްތަކަށް ބަލައިގެން ކަމަށް ބާރުއަޅުއްވާފައެވެ.

މިއަދު އޮންލައިން