އޭދަފުށީގައި ޢިމާރާތްކުރާ އައު އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 10ސ
އޭދަފުށީގައި ޢިމާރާތްކުރާ އައު އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ބިނާތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުގެ ދަށުން، ބ. އޭދަފުށީގައި ޢިމާރާތްކުރާ އައު އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.

މި މަރުކަޒު ޢިމާރާތްކުރާ ބިމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި، ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމްގެ އިތުރުން އޭދަފުށީ ކައުންސިލްގެ ރައީސް ޝާމީ އިބްރާހީމެވެ.

އޭދަފުށީގައި ބިނާކުރާ ދެ ބުރީގެ މި އިސްލާމީ މަރުކަޒަކީ އެއްފަހަރާ ގާތްގަނޑަކަށް 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތަކާއެކު ފަރުމާކޮށްފައިވާ ޢިމާރާތެކެވެ. މީގެއިތުރުން އިސްލާމީ ތަޢުލީމާއި، ދީނީ ޙަރަކާތްތަކާއި، އިޖުތިމާޢީ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް މި މަރުކަޒުގައި ހިމެނެއެވެ.

އެގޮތުން، މި ޢިމާރާތުގައި މަލްޓިޕަރޕަސް ހޯލަކާއި، 3 ކްލާސްރޫމާއި، ޚާއްޞަ ޤުރްއާން ހިފްޡު ކްލާސްރޫމަކާއި، އިސްލާމީ ކުތުބުޚާނާއެއްގެ އިތުރުން އިދާރީ އޮފީހަކާއި އެކަށީގެންވާ ހިނަވާގެއެއް ހިމެނޭނެއެވެ. މި ވަސީލަތްތަކުގެ މައިގަނޑު މަޤްޞަދަކީ، މި މަރުކަޒަކީ އިސްލާމީ ތަޢުލީމު އުނގަންނައިދިނުމާއި، މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި، އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ދީނީ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ފުރިހަމަ ދީނީ އަދި ތަޢުލީމީ މަރުކަޒަކަށް ހެދުމެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމާއި ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް ދެއްކެވި ވާހަކަފުޅުގައި، މުޖުތަމަޢުގައި ދީނީ ބިނާތައް ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށާއި، އިސްލާމީ ތަޢުލީމާއި އިޖުތިމާޢީ ޚިދުމަތްތައް ރަށްރަށުގައި ފުޅާކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ރަށްރަށުގެ މުޖުތަމަޢުތަކަށް ބޭނުންވާ ފުރިހަމަ ވަސީލަތްތަކާއެކު ޒަމާނީ އިސްލާމީ ބިނާތައް ޤާއިމުކުރުމަށް ސަރުކާރުން އަންނަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. އޭދަފުށީ އިސްލާމީ މަރުކަޒުގެ މަޝްރޫޢަކީވެސް އިސްލާމީ ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަށާއި، ޖަމާޢަތުގައި ނަމާދުކުރާނެ ޖާގަ އިތުރުކޮށް، ރަށްރަށުގެ ފެންވަރުގައި ދީނީ ޚިދުމަތްތައް ހަރުދަނާކުރުމަށް ޤައުމީ ފެންވަރުގައި ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން