އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 9ސ
އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރަނީ

ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ ނުވަތަ ދީނުގެ އަސާސްތަކާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ އަދި ބަދަހި ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން އިޢުލާނު ކުރެއްވީ މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަރުބާރުގޭގައި ބޭއްވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް ރާއްޖޭގައި ނުހެދޭނެކަން އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރުކުރުމަށްޓަކައި، ބޭނުންވާ އިޞްލާޙުތައް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ޤައުމީ ދުވަސް ފާހަގަކުރާ ސަބަބާއި، އެ ދުވަހާ ގުޅިފައިވާ ތާރީޚީ ހާދިސާތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. ވަީގޮތުން، ދިވެހިންނާއި އިސްލާމްދީނާ ދެމެދު އޮތް ބަދަހި ގުޅުމަކީ ދިވެހި ޤައުމުގެ ނާރެސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "ދިވެހި ޤައުމާ ގުޅިފައިވާ ރަނގަޅު ހުރިހާ ކަމެއް އެތުރިފައިވަނީ ދީނުގެ ޖައުހަރުގެ ވަށައިގެން،" ރައީސް ވިދާޅުވިއެވެ.

ތާރީޚީ ޢިބްރަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދާންޖެހުނު ހިތްދަތި ސަބަބަކީ ދިވެހިންގެ ތެރެއިން އެކަކު ދީން ދޫކޮށްލުން ކަމަށެވެ. އެ ހިސާބުން އެމީހަކާއި ދިވެހި ފަސްގަނޑާ އޮތް ރޫޙާނީ ގުޅުން ކެނޑި، ވަޠަނީ ލޯތްބާއި ކުލުނުގެ އަސާސްތައް ފުނޑުފުނޑުވެގެން ދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ދީނަށް ޚިޔާނާތްތެރިވުމަކީ ހަމައެކަނި ދީނަށް ވެވޭ ޚިޔާނާތެއް ނޫނެވެ. އެއީ މުޅި ދިވެހި ދައުލަތަށާއި، މިނިވަންކަމަށާއި، ސިޔާދަތަށާއި، އަދި ދިވެހީންގެ އިއްޒަތަށް ވެވޭ ބޮޑު ޚިޔާނާތެކެވެ. ދީނަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިދޭ، ދިރުންހުރި ރޫޙެއް އެކުލެވިގެންވާ މަތިވެރި ބާރެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

މި ބަދަލު ގެންނަން ނިންމެވި ސަބަބާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މިހާރު އޮތް ނިޒާމުގެ ތެރެއިން ދީނާ ފުށުއަރާ ކަންކަމަށް ޖާގަ ލިބޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން ބޭނުންފުޅުވާ ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިސްކޮށް ހުންނަވައިގެން ކުރިއަށްދާ މި ހިނގާ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި، މި މުހިންމު ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް އަރުވާފައެވެ.

މިއަދު އޮންލައިން