ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލު އެޗްޕީއޭއިން އާންމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލު އެޗްޕީއޭއިން އާންމުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށާއި، ދުންފަތުން ލިބޭ ގެއްލުންތަކަށް އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރާ މަދަނީ ޖަމުޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކޮށްފިއެވެ.

މި އުސޫލުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުންފަތް ކޮންޓްރޯލް ކުރުމަށާއި، ހޭލުންތެރިކަން އިތުރު ކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަހަރަކު 3 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. މި އެހީއަށް އެދި ހުށަހެޅޭނީ މަދުވެގެން 12 މަސްދުވަހުގެ ކުރިން ޖަމްއިއްޔާތަކުގެ ޤާނޫނު ނުވަތަ ކުޅިވަރު ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ތަންތަނަށެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، މި ޕްރޮގްރާމް ހިންގުމުގައި ނެރޭ ނަތީޖާގެ ދެފުށް ފެންނަކަން ކަށަވަރު ކުރުމަށާއި މާލީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ޚާއްސަ އިދާރީ އަދި އޮޕަރޭޝަނަލް އުސޫލުތަކެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން، ހުށަހަޅާ ކޮންމެ ޕްރޮޕޯސަލެއްގެ އިންތިޒާމީ އަދި އިދާރީ ޚަރަދުތަކަށް ހޭދަކުރެވޭނީ މުޅި ބަޖެޓުގެ ގާތްގަނޑަކަށް %20 އަށްވުރެ އިތުރުނުވާ މިންވަރެކެވެ.

މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ:

- ފުރަތަމަ ކެޓަގަރީ: ވަކި ރަށަކަށް ނުވަތަ ވަކި މުޖުތަމައަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތައް. މި ކެޓަގަރީގެ ކޮންމެ ޕްރޮޕޯސަލަކަށް 75،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އެހީއެއް ދޫކުރާއިރު، އަހަރަކު މި ކެޓަގަރީއަށް ޖުމްލަ 400،000 ރުފިޔާ ހޭދަކުރާނެއެވެ.

- ދެވަނަ ކެޓަގަރީ: މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ޤައުމީ ފެންވަރުގެ ހަރަކާތްތައް. މި ކެޓަގަރީގެ ކޮންމެ ޕްރޮޕޯސަލަކަށް 100،000 އާއި 300،000 ރުފިޔާއާ ދެމެދުގެ އެހީއެއް ދޭއިރު، މި ކެޓަގަރީގެ ޖުމްލަ ބަޖެޓަކީ 600،000 ރުފިޔާއެވެ.

- ތިންވަނަ ކެޓަގަރީ: އެކި ސަރަހައްދުތަކަށް ނުވަތަ ގިނަ އަތޮޅުތަކަކަށް އަމާޒުކޮށްގެން ހިންގާ ބޮޑެތި އޮޕަރޭޝަނަލް ޕްރޮގްރާމްތައް. މި ކެޓަގަރީގެ ކޮންމެ މަޝްރޫއަކަށް 300،000 އާއި 500،000 ރުފިޔާއާ ދެމެދުގެ އެހީ ދޫކުރާއިރު، އަހަރަކު 2،000،000 ރުފިޔާ މިކަމަށް ހޭދަކުރާނެއެވެ.

މި އެހީއަށް ހުށަހަޅާ ހުރިހާ ޕްރޮޕޯސަލްތަކަކީވެސް ނޭޝަނަލް ޕަބްލިކް ހެލްތު ސްޓްރެޓަޖީތަކާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ އުސޫލުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ޕްރޮޕޯސަލްތަކަކަށް ވާންޖެހޭނެ ކަމަށް އެޗްޕީއޭގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

މިއަދު އޮންލައިން