އަންނަ އަހަރު ރާއްޖޭގައި ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަން ނިންމާފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުގެ ތަފްސީލުތައް ހިއްސާކުރައްވަމުންނެވެ.
ވަޒީރު ވިދާޅުވީ އިޖުތިމާޢީ ރައްކާތެރިކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަރަށް ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. އަދި އިޖުތިމާޢީ ތަރައްޤީއާއި ދީނީ ރިވެތި އަޚްލާޤީ ނިޒާމެއް ދެމެހެއްޓުމަކީ ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭ ދާއިރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެއް ކަމަށްވާއިރު، ނާޒުކު އާބާދީތައް ބާރުވެރިކުރުމަށް މިފަދަ ޤައުމީ މަޝްރޫޢެއް ފެށުމަކީ އެންމެން ގުޅިގެން މަސައްކަތްކުރާ މުޖުތަމަޢެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ދިވެހި މުޖުތަމަޢުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ބޭނުންވާ ޚިދުމަތްތައް ހޯދުމުގެ މަގު ފަހިކޮށްދިނުމެވެ. އެގޮތުން މަގުތަކާއި، ސްކޫލުތަކާއި، ޞިއްޙީ މަރުކަޒުތަކުން ޚިދުމަތް ހޯދުމުގައި އެ ފަރާތްތަކަށް ފަސޭހަވާނެހެން ވަސީލަތްތައް އިންކްލޫސިވް އަދި އެކްސެސިބަލް ގޮތްތަކަށް ބައްޓަންކުރުމަށް ބަޖެޓުގައި ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ.
މީގެ އިތުރުން، ދިވެހިންގެ މެދުގައި ދުޅަހެޔޮ ބަދަހި މުޖުތަމައެއް ބިނާކުރުމަށްޓަކައި، އާއިލާތަކާއި ރައްޓެހިންނަށް އެކުގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރުމަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.