އަމީނީ މަގުގެ 3 ވަނަ ސެގްމަންޓުގެ މަސައްކަތް ނިންމައި، މި ހަފުތާގައި ދަތުރުފަތުރަށް ހުޅުވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އަމީނީ މަގުގެ 3 ވަނަ ސެގްމަންޓުގެ މަސައްކަތް ނިންމައި، މި ހަފުތާގައި ދަތުރުފަތުރަށް ހުޅުވާލަނީ

އަމީނީ މަގު މަރާމާތު ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ 3 ވަނަ ސެގްމަންޓުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމައި، މި ހަފުތާ ނިމުމުގެ ކުރިން އެ ސަރަޙައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.

މާލޭގެ މައި މަގެއް ކަމަށްވާ އަމީނީ މަގު ޒަމާނީ ފެންވަރަށް މަރާމާތުކޮށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްގެން ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެ ކުންފުނިން މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދަނީ އާންމުންނަށް ވީހާވެސް ދަތިނުވާނޭހެން އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، 3 ވަނަ ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގެ ތެރެއިން 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގެ ތާރު ނެގުމަށްފަހު، އަލުން އޭބީސީ ފަށަލަ އެޅުމާއި، ތާރު އެޅުމުގެ އިތުރުން މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މަގުގެ ޖަންކްޝަންތަކުގައި ކޮންކްރީޓް އެޅުމުގެ އެންމެހައި މަސައްކަތްތައްވެސް އެއްކޮށް ނިމިފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. އަދި ހުރިހާ މަސައްކަތެއް ފުރިހަމަވުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި، މި ހަފުތާ ނިމުމުގެ ކުރިން މި ސެގްމަންޓް އާންމު ދަތުރުފަތުރަށް ރަސްމީކޮށް ހުޅުވާލެވޭނެ ކަމަށްވެސް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން