މިދިޔަ އޮކްޓޫބަރު މަހު މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން 2،000 އަށްވުރެ ގިނަ މެންބަރުންނަށް 14.84 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފިއެވެ. މިއީ ވަޒީފާއިން މުސްކުޅިކުރާ އުމުރުގައި މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހިންގާ ސްކީމުގެ ދަށުން ދޫކުރެވުނު ފައިސާއެވެ.
ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ވަޒީފާއިން މުސްކުޅިކުރާ އުމުރުގައި މާލީ ރައްކާތެރިކަން ހޯދުމަށް ފައިސާ ރައްކާކުރުމުގެ ފުރުޞަތު ފަހިކޮށްދޭ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދެމުން އަންނަ އަސާސީ ޕެންޝަނުގެ މައްޗަށެވެ. މީގެއިތުރުން، ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ދެވޭ ޚާއްޞަ އިނާޔަތްތަކާއި، ދައުލަތުގެ އެހެނިހެން ރިޓަޔަރމަންޓް ޕެންޝަންތައް ހިންގާ ބެލެހެއްޓުމުގެ މަސްއޫލިއްޔަތުވެސް އަދާކުރަނީ ޕެންޝަން އޮފީހުންނެވެ.
ޕެންޝަން އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު މަހު އަސާސީ ޕެންޝަނުގެ ގޮތުގައި 27,420 ފަރާތަކަށް ޖުމްލަ 128.98 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަސާސީ ޕެންޝަނަކީ ދޮށީ އުމުރުގެ ރައްޔިތުން ފަޤީރުކަމުން ރައްކާތެރިކޮށް، އެ ފަރާތްތަކަށް އެކަށޭނަ އަސާސީ އާމްދަނީއެއް ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައި ދައުލަތުން ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަމުގެ އިނާޔަތެކެވެ.
ހަމައެއާއެކު، ދައުލަތުގެ މުއައްސަސާތަކުގައި 20 އަހަރާއި 40 އަހަރާ ދެމެދުގެ މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޫކުރާ ދިގު މުއްދަތުގެ ޚިދުމަތުގެ ޕެންޝަނުގެ ގޮތުގައި 2,198 ފަރާތަކަށް 4.30 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެއިތުރުން، ދައުލަތުގެ އެކި މުއައްސަސާތަކާއި ޔުނިފޯމް އެޅި ޚިދުމަތްތަކުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައިވާ، ޝަރުޠުހަމަވާ 4,847 މުވައްޒަފަކަށް ދައުލަތުގެ އެހެނިހެން ޕެންޝަނުގެ ގޮތުގައި ޖުމްލަ 26.06 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.