ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢެއް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢެއް ފަށަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އިޢުލާނު ކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިކަން ހާމަކުރެއްވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 55 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖެއްގައެވެ. މި މެސެޖުގައި ޒަރީރު ވަނީ އެ މުއައްސަސާގައި މަސައްކަތް ކުރައްވާ އެންމެހައި މުވައްޒަފުންނަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ޙަސަން ޒަރީރު ވިދާޅުވީ، މި ހިނގާ އަހަރަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދިގު ތާރީޚުގައިވެސް އެންމެ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ އަހަރު ކަމަށެވެ. އެގޮތުން، މުއައްސަސާގެ ހިންގުން ހަރުދަނާ ކުރުމަށާއި، ޖަލުތަކުގައި ތިބޭ ގައިދީންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި ކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މުވައްޒަފުންގެ ލާބަޔާއި މަންފާއަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ، އޮފިސަރުންނާއި މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން، މުވައްޒަފުންނަށް ޚާއްޞަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވާފައިވާ ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ކަރެކްޝަންސްގެ މުވައްޒަފުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، މުވައްޒަފުންގެ މަސައްކަތުގެ ރޫޙު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން