މަސްވެރިންގެ ޕާކުގައި އެމްޓީސީސީއިން ޤާއިމުކުރި ޕަމްޕް ސްޓޭޝަންގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
މަސްވެރިންގެ ޕާކުގައި އެމްޓީސީސީއިން ޤާއިމުކުރި ޕަމްޕް ސްޓޭޝަންގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މަސްވެރިންގެ ޕާކު ސަރަޙައްދުގައި އެމްޓީސީސީއިން ޤާއިމުކޮށްފައިވާ ޕަމްޕް ސްޓޭޝަން 2 ގެ މަސައްކަތް ނިންމާ، އެތަން އިއްޔެ ބޭނުންކުރަން ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މަސްވެރިންގެ ޕާކުގައި ހަރުކޮށްފައިވާ މި ޕަމްޕް ސްޓޭޝަން ރަސްމީކޮށް ހުޅުވާ ބޭނުންކުރަން ފަށާފައިވަނީ މި އޮގަސްޓް މަހުގެ 13 ވާ ބުދަ ދުވަހުއެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ޕަމްޕް ސްޓޭޝަން 1 ގެ މަސައްކަތްވެސް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އެގޮތުން އެ ޕަމްޕް ސްޓޭޝަން މާދަމާ، އޮގަސްޓް 15 ގައި ބޭނުންކުރަން ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.

މި ޕަމްޕް ސްޓޭޝަންތަކަކީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މުހިންމު ބައެކެވެ. ޚާއްޞަކޮށް ވިއްސާރަ މޫސުމުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ސަރަޙައްދުގެ މަގުތަކުގައި ފެންބޮޑުވެ، އާންމު ދަތުރުފަތުރަށް ދިމާވާ ދަތިތަކަށް މި ނިޒާމުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި ޕަމްޕް ސްޓޭޝަންތައް ފަރުމާކުރެވިފައިވަނީ މަގުމަތީގައި ބޯކޮށް ފެންބޮޑުވާ ހާލަތްތަކުގައި، އަވަސްމިނެއްގައި ފެން ހިންދާލެވޭނެ ފަދަ ވަރުގަދަ ނިޒާމެއްގެ ގޮތުގައެވެ. މިއީ މާލޭގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވާ އިޖުތިމާޢީ މިފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން