ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބާއްވާ ޚާއްޞަ ހަރަކާތްތައް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބާއްވާ ޚާއްޞަ ހަރަކާތްތައް ފަށައިފި

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި، ތާރީޚީ ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ހަރަކާތްތައް މިއަދު ފަށައިފިއެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ފެށިގެންދިޔައީ މިއަދު ހެނދުނު އެ ރަށުގެ ބަނދަރު ސަރަޙައްދުގައި ބޭއްވުނު ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. މި ރަސްމިއްޔާތުގައި އުތީމު ކައުންސިލްގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންގެ އިތުރުން، ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ. އަދި ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ، ޤައުމީ ރޫޙު އާކޮށްފައިވެއެވެ.

އުތީމަކީ މިއަހަރުގެ ޤައުމީ ދުވަސް ރަސްމީ ފެންވަރުގައި ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ރަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އުތީމުގައި ވިދިވިދިގެން ދެ އަހަރު ދުވަހު ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރެއްވުމަށް މިދިޔަ އަހަރު ނިންމަވާފައެވެ. މި ނިންމެވުމަކީ އުތީމު ބޮޑުތަކުރުފާނުގެ ޖިހާދާއި، ދިވެހި ތާރީޚުގައި އެ ރަށަށް އޮތް މުހިންމުކަން ދެމެހެއްޓުމަށް ނިންމެވި ނިންމެވުމެކެވެ.

މިއަދުން ފެށިގެން ކުރިއަށްދާ މި ހަރަކާތްތަކުގެ ތެރޭގައި ޤައުމީ ދުވަހާ ގުޅޭ ތަފާތު ކުޅިވަރުތަކާއި، ސަގާފީ ހަރަކާތްތަކުގެ އިތުރުން ދީނީ އަދި އަދަބީ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. ޤައުމީ ދުވަހަކީ އުތީމު މުޙައްމަދު ތަކުރުފާނު، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ފާހަގަކުރަމުންދާ ދުވަހެކެވެ.

މިއަދު އޮންލައިން