ނ. ޅޮހީގައި އައު އައިސްޕްލާންޓެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ނ. ޅޮހީގައި އައު އައިސްޕްލާންޓެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައިފި

ނ. ޅޮހީގެ އައިސްޕްލާންޓަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އެ ރަށުގައި މުޅިން އައު އައިސްޕްލާންޓެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް، ޅޮހީ އައިސްޕްލާންޓު އަލުން އޮޕަރޭޝަނަށް ގެނެވޭނެ ތާރީޚެއް ސާފުކުރުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ޅޮހީ އައިސްޕްލާންޓަށް ދިމާވި މައްސަލަތައް ހައްލުކުރުމަށް މީގެ ކުރިން މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އެ މައްސަލަތައް ހައްލުކުރެވުނު ކަމަށް ބެލެވުނު ނަމަވެސް، އެންމެ އެކަށީގެންވާ ގޮތެއްގައި އެތަނުން މަސްވެރިންނަށް ޚިދުމަތް ނުލިބޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޅޮހީގައި މިހާރު ހުރި އައިސްޕްލާންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވުނު މަސައްކަތުންވެސް އެދެވޭ ނަތީޖާއެއް ހާސިލުވެފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. "މިހާރު ހުރި އައިސްޕްލާންޓު މަރާމާތުކޮށްގެން ހިންގަން ބަލާއިރު، އެކަމަށް ހިނގާ ޚަރަދު އައު އައިސްޕްލާންޓެއް ގާއިމުކުރުމާ އެއްވަރުވޭ،" ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ މި ނިންމުމަކީ މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އައު އައިސްޕްލާންޓާއެކު ޅޮހީގެ މަސްވެރިންނަށް އައިސް ހޯދުމުގައި ދިމާވަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން