ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ: ރައީސް

މިއަދު ފާހަގަކުރަމުންދާ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފަދަ އެންމެހައި ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް ވުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.

މި މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، ދިވެހިންގެ ހަނދާންތައް އައުކޮށްދެނީ މީގެ 467 އަހަރު ކުރީގެ މާޒީއެއް ކަމަށެވެ. އެއީ "ކަނޑުގެ ބާޒު" ގެ ނަމުން މަޝްހޫރުވި ޕޯޗުގީޒުންގެ (ފުރެތިކާލުންގެ) އިސްތިޢުމާރީ އަޅުވެތިކަމުން މި ދީބު މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަޠަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ތާރީޚުގެ ތެރެއިން ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކުވެސް ފެންނާން އޮތް ހަގީގަތަކީ، ދިވެހި ޤައުމަށް ހެޔޮ ނޭދޭ، އަމިއްލަ އެދުން ބޮޑު ބަޔެއްގެ ޚިޔާނާތް އެކަމުގެ ސަބަބަކަށް ވެފައިވާ ކަމެވެ. އެހެންކަމުން، މިއަދު އަޅުގަނޑުމެން ގަދައަޅައި ޢަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް އަލުން އިޢާދަވިޔަ ނުދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ؟" ދިވެހި ރައްޔިތުންނާ މުޚާޠަބު ކުރައްވައި ރައީސް ސުވާލު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނަގަހައްޓައި، ކޮންމެ ދިވެހި ދަރިއެއްގެ ހިތުގައިވެސް ދިވެހި ޤައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް އިލްތިމާސް ކުރައްވަމުންނެވެ. އަދި މި ފަޚުރުވެރި ޤައުމީ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.

މިއަދު އޮންލައިން