މިއަހަރުގެ ބަރަކާތްތެރި ޤައުމީ ދުވަހުގެ މުނާޞަބަތުގައި ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު ހެނދުނު 6:00 ޖެހިއިރު ޖުމްހޫރީ މައިދާނުގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން އެ މައިދާނުން މަރުޙަބާ ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދެވެ.

ޤައުމީ ދުވަހުގެ މި ޝަރަފުވެރި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، އިސް ބޭފުޅުންނާއި ސިފައިންނާއި ފުލުހުންގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ދިދަ ނެގުމުގެ މި ރަސްމިއްޔާތަކީ، އުތީމު މުޙައްމަދު ތަކުރުފާނު ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ރަސްމިއްޔާތެކެވެ. ރަސްމިއްޔާތު ނިންމާލާފައިވަނީ ޚާއްޞަ ދުޢާއަކުންނެވެ.