ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފުރުޞަތުތައް ދިނުމުގައި، އެއްވެސް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް އިސްކަންދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ފެއްޓެވި "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، އެމީހުންގެ ޝުޢޫރުތައް ސަރުކާރަށް އަޑުއިއްވުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުން ވަނީ އެ ފަރާތްތަކުގެ ދިރިއުޅުމުގައި ހުރި ތަފާތު ގޮންޖެހުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި، ބޭސްފަރުވާ ހޯދުމުގައި ހުރި ހުރަސްތަކާއި، އަދި ވަޒީފާގެ މާހައުލުގައި ކުރިއެރުން ލިބުމުގައި ހުރި ދަތިތައް ފާހަގަކުރިއެވެ.
ޚާއްޞަގޮތެއްގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ވަނީ ފުރޮޅުލީ ގޮނޑީގައި މިސްކިތްތަކަށް ވަނުމުގައި ދިމާވާ ދަތިތަކާއި، އެންސްޕާގެ އެހީގައި ފޯރުކޮށްދޭ ގޮނޑިތަކުގެ ފެންވަރު ދަށްވުމުގެ މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ. މިކަމާ ގުޅިގެން ރައީސް ވިދާޅުވީ، އެއީ ނުހަނު މުހިއްމު ކަންތައްތަކެއް ކަމަށާއި، އެ ކަންކަމަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. "ތިޔަ ވިދާޅުވި ކަންތަކުގައި ވެސް މަަސައްކަތް ކޮށްދޭނަން އިނގޭތޯ ރަނގަޅު ގޮތެއް ވޭތޯ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ،" ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ފުރުޞަތެއް ނެތް ފަރާތްތަކަށް އިސްކަންދިނުން ކަމަށެވެ. އަދި މިހާރުވެސް އިތުރު ފްލެޓްތައް އެޅޭނެ ގޮތްތައް ބަލަމުންދާ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ކަމެއްގައިވެސް މަޝްވަރާކޮށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށާއި، ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން ވީހާވެސް ގިނަ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން އެދޭ ކަންކަމުގައި އުސޫލުތަކުގެ ތެރެއިން ކޮށްދެވެން އޮތް އެންމެ ރަނގަޅު މަގު ފަހިކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.