ޓާސްކިން އެޕްގައި އުރީދޫ އެމްފައިސާގެ މެދުވެރިކޮށް ފައިސާ ދެއްކޭގޮތް ހަދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 10ސ
ޓާސްކިން އެޕްގައި އުރީދޫ އެމްފައިސާގެ މެދުވެރިކޮށް ފައިސާ ދެއްކޭގޮތް ހަދައިފި

އުރީދޫ ފިންޓެކްގެ 'އެމް-ފައިސާ' މެދުވެރިކޮށް 'ޓާސްކިން' އެޕްގައި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިކަން އެ ކުންފުނިން އިޢުލާނުކޮށްފިއެވެ. މިއާއެކު، ޓާސްކިން އެޕް މެދުވެރިކޮށް ތަފާތު ޚިދުމަތްތައް ހޯދާ ކަސްޓަމަރުންނަށް އެމް-ފައިސާ ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ.

ޓާސްކިންއަކީ އެކި ކަހަލަ މަސައްކަތްތައް ކުރުވަން ބޭނުންވާ ފަރާތްތަކާއި، އެފަދަ މަސައްކަތްތަކުގެ ހުނަރާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ގުޅުވާލައިދޭ ޑިޖިޓަލް މައިޒާނެކެވެ. ގޭތެރޭގެ އާދައިގެ މަސައްކަތްތަކުން ފެށިގެން ޑިޖިޓަލް ރިމޯޓް މަސައްކަތްތަކަށް ދަންދެން، ކަސްޓަމަރުން ބޭނުންވާ ގިނަ ދާއިރާތަކުން ފަންނީ މީހުން ހޯދައި މަސައްކަތް ދިނުމުގެ ފުރުޞަތު މި އެޕުން ލިބިގެންދެއެވެ.

އޭގެ އިތުރުން، އަމިއްލަ ހުނަރު ބޭނުންކޮށްގެން ޢާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް 'ޓާސްކަރުން'ގެ ގޮތުގައި މި ޕްލެޓްފޯމުގައި ރަޖިސްޓްރީވެވިދާނެއެވެ. އަދި ހުރި ފުރުޞަތުތައް ބަލައި، އެމީހުން ކުރަން ބޭނުންވާ މަސައްކަތްތަކަށް އެހެން ޚިދުމަތްތެރިންނާއެކު ބިޑުކުރުމުގެ ފުރުޞަތުވެސް ލިބެއެވެ. މިއީ ޚިދުމަތް ހޯދާ ފަރާތްތަކާއި ހުނަރުވެރިން ގުޅުވައިދީ، ފްރީލާންސަރުންނާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އާ ފުރުޞަތުތަކެއް ހުޅުވާލައިދޭ ފަސޭހަ ޑިޖިޓަލް ބާޒާރެކެވެ.

އެމް-ފައިސާގެ ޚިދުމަތް ގުޅުވާލުމާއެކު، އެޕް ބޭނުންކުރާ ފަރާތްތަކަށް ޓާސްކިން މެދުވެރިކޮށް ހޯދާ ޚިދުމަތްތަކަށް އެމް-ފައިސާ ވޮލެޓު ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ. ޓާސްކިން ފަދަ ޕްލެޓްފޯމްތަކުގައި ޑިޖިޓަލް މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ މަގުފަހިކޮށްދިނުމުން، ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނަ ޑިޖިޓަލް އިޤްތިޞާދުގައި އަމިއްލަ ފަރުދުންނާއި ފްރީލާންސަރުންގެ އިތުރުން ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެމް-ފައިސާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކަސްޓަމަރުންނަށް ޓާސްކިން އެޕް ޑައުންލޯޑްކޮށް، ބޭނުންވާ ޚިދުމަތެއް އިޚްތިޔާރުކޮށް، 'ޓާސްކަރެއް' ހަމަޖެއްސުމަށްފަހު އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. އަދި އަމިއްލަ ޚިދުމަތްތައް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށްވެސް ޓާސްކަރެއްގެ ގޮތުގައި ބައިވެރިވެ، ހުރި މަސައްކަތްތަކަށް ބިޑުކުރަން ފެށޭނެއެވެ.

ރާއްޖޭގެ ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކު ބާއްވާ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ޑިޖިޓަލް ނިޒާމު ހަރުދަނާކުރުމަށާއި، އާންމު ދިރިއުޅުން ފަސޭހަކޮށްދޭ އީޖާދީ ހައްލުތައް ހޯދައިދިނުމަށް އުރީދޫ ފިންޓެކުން ދަނީ ސާބިތުކަމާއެކު މަސައްކަތްކުރަމުންނެވެ.

މިއަދު އޮންލައިން