ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ އަމަލީ މަސައްކަތް ބާރުގަބޫލުގައި ކުރިއަށްދާކަން އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެފްޑީސީން މިއަދު ހާމަކުރި ގޮތުގައި، ޓަވަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ދަނީ ކެމެރާތައް ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ނިޒާމު ޤާއިމުކުރުމުގެ މައިގަނޑު އެއް މަޤްޞަދަކީ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުނި އުކާލުމުގައި އަމަލުކުރާ ގޮތް ގާތުން ބެލުމެވެ.
މިކަމާ ގުޅޭގޮތުން އެފްޑީސީން ބުނެފައިވަނީ، އަލަށް ހަރުކުރެވޭ ސީސީޓީވީ ނިޒާމުގެ އެހީގައި ޓަވަރުތަކުން ކުނި އުކާލާ ގޮތް މޮނިޓަރކޮށް، އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ޚާއްޞަކޮށް، އާންމު ސަރަޙައްދުތަކާއި ލިފްޓު ސަރަޙައްދުތަކުގައި ކުނި ބެހެއްޓުމާއި، އުސޫލުން ބޭރުން ކުނި އުކާލުމުގެ މައްސަލަތައް ހައްލުކުރުމަށް މި ނިޒާމުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ދެކެއެވެ. މިއީ ޓަވަރުތަކުގެ ސާފުތާހިރުކަން ދަމަހައްޓައި، ހުރިހާ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން، އެފްޑީސީގެ ޓަވަރުތަކުގެ މަސައްކަތްތައް ނިންމައި، އެތަންތަނަކީ އަމާން އަދި ހިތްފަސޭހަ ތަންތަނަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.