އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ދިވެހިރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުއްލި އެހީގެ ގޮތުގައި 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ.
މި އެހީއަކީ ރާއްޖޭގައި ކުރިއަށްގެންދާ "އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" އަށް އެހީތެރިވުމުގެ ގޮތުން ދޫކުރާ ލޯނެކެވެ. އޭޑީބީން ހާމަކުރި ގޮތުގައި މި ލޯނުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ތެލުގެ އިމްޕޯޓަށް މަގުފަހިކޮށްދީ، ރައްޔިތުންނަށް ބޭނުންވާ ކަރަންޓާއި ފެނުގެ ޚިދުމަތް އެއްވެސް މެދުކެނޑުމެއްނެތި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުން ކަށަވަރު ކުރުމެވެ.
މި އެހީއާ ގުޅޭގޮތުން އޭޑީބީގެ ރައީސް މަސަޓޯ ކަންޑާ ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމަތަކުގެ އަސަރު އާއިލާތަކުގެ ދިރިއުޅުމަށް ފޯރުމަށްޓަކައި، އެ ހަނގުރާމައެއް ގައުމުގެ ބޯޑަރު ހުރަސްކުރަން ނުޖެހޭ ކަމަށެވެ. އަދި ބޭރުގެ ހަމަނުޖެހުންތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލި، އޭގެ ނޭދެވޭ އަސަރު ބޭސްފަރުވާގެ އަގުތަކަށާއި ގޭބިސީތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ފޯރާކަން އޭނާ ފާހަގަކުރެއްވިއެވެ.
މަސަޓޯ ކަންޑާ އިތުރަށް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައިވެސް، ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަރަންޓާއި ފެނުގެ ޚިދުމަތް ޔަގީންކޮށްދިނުމަށްޓަކައި އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
މި ލޯނު އެހީގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކުވެސް ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. އޭޑީބީއަކީ ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކުގައި ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ މުހިންމު ބައިވެރިއެކެވެ.