ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިޖުތިމާޢީ ކަންކަމަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަހަރަކު ދެމުންދާ 'ބޭންކް ފަންޑް' މިއަހަރު ލިބޭ ޖަމިއްޔާތައް އެ ބޭންކުން މިއަދު އިޢުލާންކޮށްފިއެވެ.
މި އަހަރުގެ ބޭންކް ފަންޑަށް ބީއެމްއެލްއިން ވަނީ ޖުމްލަ 5 ޖަމިއްޔާއެއް ހޮވާފައެވެ. އެ ޖަމިއްޔާތަކަކީ ދިއްދޫ ކުރިމަގު، ޔުނިޓީ ސްޕޯޓްސް އެކަޑަމީ، ލާމު ފާމަރސް އެސޯސިއޭޝަން، ބްލޫ ގިލްޑް ފައުންޑޭޝަން އަދި ކަލައިދޫ ވިންގްސްއެވެ.
މި ފަންޑުގެ ދަށުން ހއ. ދިއްދޫގެ 'ދިއްދޫ ކުރިމަގު' ޖަމިއްޔާއިން އިސްނަގައިގެން އެ ރަށުގައި 'ހައިވް' ގެ ނަމުގައި ޚާއްޞަ މަރުކަޒެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. ޑިޖިޓަލް ވަސީލަތްތަކާއެކު މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ތަރައްޤީކުރާ މި މަރުކަޒަކީ ޑިޖިޓަލް ތަޢުލީމާއި، އައު އީޖާދުތަކުގެ އިތުރުން އިޖުތިމާޢީ އެކި ހަރަކާތްތައް ހިންގުމަށް ޚާއްޞަ ކުރެވިގެން ހުޅުވޭ ތަނެކެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ށ. ފުނަދޫގެ 'ޔުނިޓީ ސްޕޯޓްސް އެކަޑަމީ' އަށް ވަނީ ފަންޑު ދޫކޮށްފައެވެ. އެ ޖަމިއްޔާއިން މި ފަންޑު ބޭނުންކުރާނީ ފުނަދޫގައި އޮންނަ ރީތި ފެނުގެ ކުޅިއެއް ކަމަށްވާ 'މާމުލި ކުޅި' އާލާކޮށް، އެ ސަރަޙައްދުގައި 'މާމުލި އިކޯ ޕާކް' ތަރައްޤީ ކުރުމަށެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމުގެ އިތުރުން މުޖުތަމަޢުގެ ބޭނުންތަކަށް ފަރުމާކުރެވޭ ތަނެކެވެ.
ދަނޑުވެރިކަމުގެ ދާއިރާއިން 'ލާމު ފާމަރސް އެސޯސިއޭޝަން' އަށް ވަނީ ފަންޑު ދީފައެވެ. މި ފަންޑުގެ އެހީގައި ލ. ފޮނަދޫ އަދި ލ. ގަމުގައި 'ފަހިގޮވާން ވެލިއު-އެޑެޑް އެގްރޯ-ޕްރޮސެސިންގ ހަބް' ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ސަބަބުން ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އުފެއްދުންތަކުން ލިބޭ މަންފާ އިތުރުކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޢުލޫމާތު ހޯދައިގެން ދަނޑުވެރިކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.
ބީއެމްއެލްގެ 'ބޭންކް ފަންޑް' އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ދެމެހެއްޓެނިވި މަޝްރޫޢުތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.