ފުނައްޑޫ އާއި މާނާގަލާ މިއަހަރުގެ ޑިސެމްބަރު މަހު އޮޕަރޭޝަނަށް ގެނެވޭނެ: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ފުނައްޑޫ އާއި މާނާގަލާ މިއަހަރުގެ ޑިސެމްބަރު މަހު އޮޕަރޭޝަނަށް ގެނެވޭނެ: ވަޒީރު ޝިޔާމް

މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ތ. ފުނައްޑޫ އާއި ގއ. މާނާގަލާ މިއަހަރުގެ ޑިސެމްބަރު މަހު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވަޒީރު ވަނީ މަސްވެރިކަމުގެ ސިނާޢަތް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރާއި، ކުރިއަށް ހުރި މުހިންމު މަޝްރޫޢުތަކުގެ ތަފްޞީލް ހިއްސާކުރައްވާފައެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ތ. ފުނައްޑޫއަކީ މީގެ ކުރިން މަސްވެރިކަމުގެ ހަރަކާތްތައް ވަރަށް ފުޅާދާއިރާއެއްގައި ހިނގަމުންދިޔަ ރަށެއް ނަމަވެސް، ފާއިތުވި ދުވަސްތަކުގައި އެތަން އޮތީ ވީރާނާވެ ހުއްޓިފައި ކަމަށެވެ. އެތަން އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި މިހާރު އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށާއި، އެ ކުންފުނިން މަސައްކަތް ނިންމައި މިއަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށް (ޑިސެމްބަރު މަހު) މަސްވެރިންގެ އަތުން މަސް ގަތުމުގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ގއ. މާނާގަލާގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ އެން ހޯދުމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުން އެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރާ މަސައްކަތުގެ ދަށުން، މާނާގަލާއަކީ މިގޮތަށް އޮޕަރޭޝަނަށް ގެނެވޭ ފުރަތަމަ ސެންޓަރަށް ވެގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާނާގަލާ އޮޕަރޭޝަނަށް ގެނައުމަށް މީގެ ކުރިން ދެ ތާރީޚެއް ކަނޑައެޅުނު ނަމަވެސް، އެކި ސަބަބުތަކާހުރެ އެ މަސައްކަތް ވަނީ ލަސްވެފައެވެ. ނަމަވެސް މިހާރުގެ އަމާޒަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނެސް، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭން ފެށުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުތަކަކީ މަސްވެރިންނަށް އެކަށީގެންވާ އަގު ހޯދައިދިނުމަށާއި، މަސްވެރިކަމުގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

މިއަދު އޮންލައިން