އުތީމުގައި ހުރި ތާރީޚީ ބިނާތައް ތަރައްޤީކޮށް ބެލެހެއްޓުމާއެކު، އެ ރަށުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބި، އޭގެ ނަފާ ރައްޔިތުންނަށް ފުޅާދާއިރާއެއްގައި ލިބިގެންދާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ހީނާ ވިދާޅުވީ، މީގެ ކުރިން އުތީމަށް ޒިޔާރާތްކުރާ މީހުންނާއި ފަތުރުވެރިން ބަލައިލުމަށް އޮތް ހަމައެކަނި ތަނަކީ އުތީމު ގަނޑުވަރު ކަމުގައި ވީނަމަވެސް، މިހާރު އެ ރަށުގައި ބަލައިލެވޭނެ އިތުރު ތަންތަން އެބަހުރި ކަމަށެވެ. އެގޮތުން ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާއްޓާއި، ކަނދުވަލު މިސްކިތުގެ އިތުރުން ވާހަކަވައު ފަދަ ތާރީޚީ މުހިންމު ތަންތަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ތަރައްޤީކުރެވެމުންދާ އެހެނިހެން މަޝްރޫޢުތަކުގެ ސަބަބުން ރަށުގެ މަލަމަތި ބަދަލުވެގެންދާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
އުތީމު ގަނޑުވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ދުނިޔޭގެ އެކި ޤައުމުތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރާތްކުރާ ތަނެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއެކު ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
"މި ތަންތަނުގެ ސަބަބުން މި ސަރަހައްދުގައި މި އިތުުރުވެގެންދާ މަޝްރޫޢުތަކުގެ ސަބަބުން މި ސަރަަހައްދުގައި ހަގީގަތުގައި ފަތުރުވެރިކަމަަށްވެސް އިތުރު ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް އޭގެ މަންފާ ތަފާތުގޮތްތަކުން ފުޅާވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ހީނާ ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މި މަސައްކަތްތަކުން ލިބޭ ނަފާ ރައްޔިތުންނަށާއި ރަށަށް އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި މުއައްސަސާތައް ގުޅިގެން ޚާއްޞަ ޕްލޭންތަކެއް އެކުލަވައިލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މި ޕްލޭންތައް ތަންފީޛުކުރުމުގައި އުތީމު ކައުންސިލާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް ރާވާފައިވާ ކަމަށްވެސް ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް، އޭގެ މަންފާ ފަތުރުވެރިކަމުގެ ދާއިރާއިން ރައްޔިތުންނަށް ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.