ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، "ސައްބީސް ކާނިވަލް" ގެ ނަމުގައި ޚާއްސަ ހަރަކާތްތަކެއް ހިމެނޭ ކާނިވަލެއް ހުޅުމާލޭގައި ފަށައިފިއެވެ. މި ކާނިވަލަކީ އޮފިޝަން އިވެންޓްސް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ކާނިވަލާ ގުޅޭގޮތުން އެޗްޑީސީން ބުނީ، މިއީ މުނިފޫހިފިލުވުމާއި، މީރު ކާނާގެ އިތުރުން އާއިލާތަކަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ އިވެންޓެއް ކަމަށެވެ. މި އިވެންޓުގެ މަގުސަދަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭނެ ފަދަ އުފާވެރި މާހައުލެއް ގާއިމުކޮށްދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ކާނިވަލުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ހަރަކާތަކީ "މިނިވަން ބާޒާރު" އެވެ. މި ބާޒާރުގައި ރާއްޖޭގެ އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކުން ތައްޔާރުކޮށްފައިވާ ތަފާތު ސާމާނުތައް ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި އަތުން ތައްޔާރުކޮށްފައިވާ ތަކެއްޗާއި، ހަދިޔާގެ ގޮތުގައި ދެވޭނެ ތަފާތު ސާމާނުގެ އިތުރުން ފެޝަން އެކްސެސަރީޒް ހިމެނެއެވެ.
އެޗްޑީސީން ބުނި ގޮތުގައި މި ބާޒާރަކީ ކުދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އާންމުންނަށް ތަފާތު އުފެއްދުންތައް އެއްތަނަކުން ބަލާލައި ގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވާލާފައިވާ މާކެޓްޕްލޭސްއެކެވެ.
ކާނިވަލް ކުރިއަށްދާ ވަގުތުތަކުގައި ސްޓޭޖްމަތީގައި ތަފާތު ގިނަ ހަރަކާތްތަކެއް ފެނިގެންދާނެއެވެ. މީގެ ތެރޭގައި މިއުޒިކީ ހުށަހެޅުންތަކާއި، ސަގާފީ ހަރަކާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ އެކި އައިޓަމްތައް ހިމެނެއެވެ. މި ހަރަކާތްތަކަކީ މިނިވަން ދުވަހުގެ ރޫހު އާލާކޮށް، މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. އެޗްޑީސީން ވަނީ ހުރިހާ އާއިލާތަކުންވެސް މި ކާނިވަލަށް ޒިޔާރަތްކޮށް، މި އުފާވެރި ހަރަކާތްތަކުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.