ޝައިޚް އިމްރާނަށް!: މަނިކުފާނަށް ހޯމް މިނިސްޓަރުކަން ގެއްލުނީމާ ދީނުގެ ކަންކަންވެސް ބަދަލުވަނީތޯ؟

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޝައިޚް އިމްރާނަށް!: މަނިކުފާނަށް ހޯމް މިނިސްޓަރުކަން ގެއްލުނީމާ ދީނުގެ ކަންކަންވެސް ބަދަލުވަނީތޯ؟

ހޯމް މިނިސްޓަރުކަމުގައި ހުންނަވައިގެން ޝައިޚް އިމްރާން ވަނީ ޔަޤީންކަން ކަށަވަރުނުވާ ޚަބަރުތައް ނުފެތުރުމަށާއި އެފަދަ ވާހަކަތައް ނުދެއްކުމަށް އެތައް ފަހަރެއްގެ މަތިން ވާހަކަފުޅު ދައްކަވައިފައެވެ.

އެކަންކަން ނުކުރުމަށް ހުރި ޤުރްއާނުގެ އާޔަތްތަކާއި ޙަދީޘްފުޅުތައް ބަޔާންކޮށްދެއްވަވައިފައެވެ. ޢަދާލަތު ޕާޓީން އިސްލާމިކް މިނިސްޓްރީ ހިންގިއިރު އެންމެ ގިނައިން ޚުޠޫބާތަކުގައި ކިޔާފައިވާ އެއްވާހަކައަކީވެސް އެއީއެވެ.

ނަމަވެސް މިއަދު ހޯމް މިނިސްޓަރުކަން ގެއްލުމުން "އަޅުގަނޑުގެ ގާތުގަ މީހަކު ބުނި" ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަނީއެވެ. އަދި މިއީ ޘާބިތުކޮށްދެވޭނެ ވާހަކައެއް ނޫންކަމަށްވެސް ވިދާޅުވަމުންނެވެ. އެހެންކަމުން ޝައިޚް އިމްރާނާއި ކުރަންޖެހޭ ސުވާލަކީ މީހަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ އެވާހަކައިގެ ދޮގުތެދުބަލަން ދީނުގައި އޮތް އެންގެވުން މިހާރު ބަދަލުވީތޯއެވެ؟ ނޫނީ މަނިކުފާނަށް ޚާއްޞަ ހުއްދައެއް ލިބިވަޑައިގަތީތޯއެވެ؟  

އިސްލާމް ދީނުގެ ދުޝްމިނުންނަށް ތާއީދުކޮށް އެމީހުންނާއިއެކު އުޅޭނަމަ އެމީހަކަށްވެސް އެކަމުގެ އަސަރުކުރާނެ ކަމާއި ނުބައި ބަދަލުތައް އަންނާނެކަން ޢިލްމްވެރިން ބަޔާންކުރައްވައެވެ. އެކަމުން އިސްތިސްނާ ވެވޭނެ މީހަކުވެސް ނުހުންނާނެއެވެ. ފެންނަމުން މިދަނީ އެފަދަ ބަސްފުޅުތަކުގެ ތެދުކަމެވެ.  

ޔަޤީންކުރަންޖެހޭނެ ކަމަކީ ތިމާކުރާ ކޮންމެ ޢަމަލަކަށް ޒިންމާވާންޖެހޭ ފަދައިން ދައްކާ ވާހަކަތަކަށްވެސް ޒިންމާވާން ޖެހޭނެ ކަމެވެ. އެކަން ނޫސްވެރިންނަށް އެތައް ފަހަރެއްގެ މަތިން ޝައިޚް ޢިމްރާންވަނީ އަންގަވައިދެއްވައިފައެވެ.  

ﷲ ގެ ދީނަށް ޙުރުމަތްތެރިކޮށް ނުހިތާ، ޤައުމުދެކެ ލޯބިނުވާ، ކޮންމެ ގޮތަކުން ނަމަވެސް ވެރިކަން ބޭނުންވާ މީހުންނާއިއެކުގައި އުޅުމުގެ ނުބައިކަމުން ސަލާމަތް ނުވެވޭނަމަ އެމީހަކަށް ކުރިމަތިވާނެ ކަންކަން މިއަދު މިދަނީ ފެންނަމުންނެވެ.

މިއަދު އޮންލައިން