މާލޭ ވިޔަފާރި ބަނދަރުގެ މުދާ ކްލިއާ ކުރުމުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށާއި، މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގައި އެކަނިވެސް 1,958 ކޮންޓެއިނަރު ކްލިއާ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކްލިއާ ކުރި މުދަލުގެ ތެރޭގައި އެންމެ ގިނައީ ރައްޔިތުންގެ ކެއިންބުއިމަށް ބޭނުންވާ އަސާސީ ބާވަތްތައް ކަމަށްވާ ބިހާއި ފިޔަލެވެ.
އެމްޕީއެލްގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 1,472 ކޮންޓެއިނަރު އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 486 ކޮންސައިންމަންޓް މުދާ ވަނީ ކްލިއާ ކޮށްދީފައެވެ.
މި މުއްދަތުގައި ކްލިއާ ކުރި މުދަލުގެ ޖުމްލަ ބަރުދަނަށް ބަލާއިރު 41,959.34 ފްރައިޓް ޓަނުގެ މުދާ ހިމެނެއެވެ. އޭގެ ތެރެއިން 39,051.74 ފްރައިޓް ޓަނަކީ ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ކްލިއާ ކުރި މުދަލެވެ. އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން ކްލިއާ ކޮށްފައިވަނީ 2,907.6 ފްރައިޓް ޓަނުގެ މުދަލެވެ.
މިދިޔަ ހަފުތާގައި މާލޭ ވިޔަފާރި ބަނދަރަށް ކޮންޓެއިނަރު އުފުލާ 2 ބޯޓާއި އާންމު މުދާ އުފުލާ 5 ބޯޓު ކައިރިކޮށްފައިވެއެވެ. އަދި މުދާ ބޭލުމާއި ބަރުކުރުމަށްފަހު ކޮންޓެއިނަރު އުފުލާ 4 ބޯޓާއި އާންމު މުދާ އުފުލާ 8 ބޯޓު ވަނީ ފުރާފައެވެ.
ކޮންޓެއިނަރުގެ ޖުމްލަ އޮޕަރޭޝަންތަކަށް ބަލާއިރު، ބަނދަރަށް 1,176 ކޮންޓެއިނަރު ބާލާފައިވާއިރު، 1,963 ކޮންޓެއިނަރު ވަނީ ބަނދަރުން ބޭރުކޮށްފައެވެ. މިއާއެކު މިދިޔަ ހަފުތާގެ ޖުމްލަ ކޮންޓެއިނަރު އޮޕަރޭޝަންގެ އަދަދު ވަނީ 3,139 އަށް އަރާފައެވެ.