ހދ. ކުރިނބީ ސިއްހީ މަރުކަޒުން ދެމުން އަންނަ ޚިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތްތަނުގައި 24 ގަޑިއިރަށް ޚިދުމަތް ދޭ މަރުކަޒަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިހާރު އެ މަރުކަޒުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ދުވާލަކު 16 ގަޑިއިރުއެވެ.
މި މަރުކަޒުގައި މިވަގުތު ވެސް އެއް ޑޮކްޓަރާއި ފަސް ނަރުހުން އަންނަނީ ޚިދުމަތް ދެމުންނެވެ. އާންމު ދުވަސްވަރު އެވްރެޖްކޮށް ދުވާލަކު 8 މީހުން ޑޮކްޓަރަށް ދައްކާއިރު، ރޯގާ ގިނަ ދުވަސްވަރު މި އަދަދު 11 އަށް އަރައެވެ. ނަމަވެސް، ޒަމާނީ ފެންވަރުގެ ސިއްހީ ޚިދުމަތެއް ދިނުމަށް މިހާރު ބޭނުންކުރަމުންދާ އިމާރާތުގެ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
އެގޮތުން އެންމެ ބޮޑު ދައްޗަކަށް ވެފައިވަނީ ޖާގައިގެ ދަތިކަމާއި، މުވައްޒަފުން މަސައްކަތްކުރަން އެކަށީގެންވާ ޖާގަ ނެތުމެވެ. ބަލިމީހުން އެޑްމިޓްކުރުމަށް ހުރީ އެންމެ 3 އެނދު ކަމަށްވުމުން، ބަލިމީހުންނަށް ބޭނުންވާ ޒާތީ މިނިވަންކަން (ޕްރައިވަސީ) ފޯރުކޮށްދިނުމުގައި ވެސް ބޮޑެތި ހުރަސްތަކެއް ހުރެއެވެ. މީގެ އިތުރުން އެކްސްރޭ އާއި ލެބޯޓަރީގެ ޚިދުމަތް މަރުކަޒުން ލިބެން ނެތުމަކީ ވެސް ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު ތަކުލީފެކެވެ. ރަށުގައި ތެލަސީމިއާ ހުންނަ ލޭއަޅާ ދެ ކުދިން ތިބިއިރު، އެ ކުދިންނަށް ރަށުން ލޭ އެޅުމުގެ އިންތިޒާމު ހަމަޖެހިފައިވީ ނަމަވެސް، ބޭނުންވާ ލޭގެ ޓެސްޓުތައް ހެދުމަށް ސާމްޕަލް ފޮނުވަން ޖެހެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ.
މި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނީ ކުރިނބީ ސިއްހީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގެ މަސައްކަތް ނިމުމުންނެވެ. މިހާރު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ޒަމާނީ ފެންވަރުގެ ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ.
އެގޮތުން އައު އިމާރާތާއެކު ލެބޯޓަރީއަކާއި، ބަލިމީހުން ބައިތިއްބާނެ ވޯޑަކާއި، ނާސިންގ ސްޓޭޝަނެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއް ގާއިމުކުރެވިގެންދާނެއެވެ. މިއާއެކު، ޚިދުމަތް 24 ގަޑިއިރަށް ބަދަލުވެ، ރަށުގެ ސިއްހީ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް ވަނީ އުންމީދު ކުރެވިފައެވެ.