ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު މިއަދު ހަވީރު 4:00 އިން ފެށިގެން އާންމުންނަށް ވަނީ ހުޅުވާލައިފައެވެ. މިއީ މާލޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުން ހުޅުމާލެ ފެރީ ޓާމިނަލާ ހިސާބުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް އޮތް ސަރަހައްދު ވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ. މީގެ ތެރޭގައި މަގު ފުޅާކުރުމާއި، ތާރު އެޅުމާއި، ދުވާރު ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

އެމްޓީސީސީން މިއަދު ހަވީރު ހުޅުވާލާފައިވަނީ ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން އެމްއެމްއޭއާ ހަމައަށް 4 ލޭންއަށް ފުޅާކޮށް ތަރައްގީކޮށްފައިވާ ސަރަހައްދެވެ. ނަމަވެސް، މަގުގެ ބައެއް ކުދިކުދި މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިން ހަރުކުރުމާއި، ސިޑިތައް ފާހަގަކުރުމަށް ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ތެރެއިން މާލެ ފެހިކޮށް، އާންމުންނަށް ހިތްފަސޭހަ މާހައުލަކަށް އެ ސަރަހައްދު ބަދަލުކުރުމަށްޓަކައި ރުއް އިންދުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިހާތަނަށް ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން މާލެ ނޯތު ހާބަރާއި ހަމައަށް މުޅިއަކު 3,100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ.

ސަރުކާރުން ބުނި ގޮތުގައި، މި ސަރަހައްދުގައި ދިވެހި ރުކުގެ އިތުރުން ހޭޅިފަށުގައި ހެދޭ ޒާތުގެ ގަސްތަކާއި ރީތި ބަގީޗާ މާގަސްތައް ބޭނުންކޮށްގެން މަގުގެ އެއްގަމު ތޮށި ސަރަހައްދު ވަނީ ޒީނަތްތެރިކޮށްފައެވެ. މިއީ މާލޭގެ ތޮއްޖެހުން ކުޑަކުރުމުގެ އިތުރުން މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން