އިމިގްރޭޝަންގެ މޮބައިލް އެޕް އަންނަ ހަފްތާގައި ލޯންޗްކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
އިމިގްރޭޝަންގެ މޮބައިލް އެޕް އަންނަ ހަފްތާގައި ލޯންޗްކުރަނީ

މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ތައްޔާރުކޮށްފައިވާ މޮބައިލް އެޕްލިކޭޝަން އަންނަ ހަފްތާގައި ލޯންޗްކުރަން ނިންމާފައިވާކަން އެ އިދާރާއިން ހާމަކޮށްފިއެވެ. މިކަން އިއުލާނުކުރެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް، ރިޓަޔަރޑް ޕޮލިސް ކޮމިޝަނަރ އަހުމަދު ފަސީހުއެވެ.

ކޮންޓްރޯލަރ ޖެނެރަލް ފަސީހު ވިދާޅުވީ، އަލަށް ތައާރަފްކުރާ މޮބައިލް އެޕްލިކޭޝަނަކީ އިތުރު ފުރިހަމަކަމާއެކު ތައާރަފްކުރާ އެޕެއް ކަމަށެވެ. "އިތުރު އެންހޭންސްމެންޓާއި އެކު މޮބައިލް އެޕް އަނެއްކާ ތައާރަފްކުރަނީ. މޮބައިލް އެޕުން ޕާސްޕޯޓަށް އެޕްލައި ކުރެވޭނެ. ވިސާވެސް ޗެކްކުރެވޭނެ. ހުރިހާ ޚިދުމަތެއް ލިބޭނެ،" ފަސީހު ވިދާޅުވިއެވެ.

ރާއްޖޭގެ ޕާސްޕޯޓް ޚިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަސީހު ވިދާޅުވީ، މިހާރު ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ އަވަހަށް ޕާސްޕޯޓް ދޫކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމަށެވެ. އަދި މާލޭގައި މި ޚިދުމަތް މިހާރު އާ އުސްމިންތަކަކަށް ގެންދެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަތޮޅުތެރޭގެ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ފަސީހު ވިދާޅުވީ، ރަށްރަށުން މާލެ އައިސް ބޮޑު ޚަރަދުކޮށްގެން ޕާސްޕޯޓް ހޯދަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކައި ރާއްޖޭގެ 38 ސްޓޭޝަނަކުން ޕާސްޕޯޓް ދޫކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ޕާސްޕޯޓް ދޫކުރުމުގެ އަވަސްމިނާ ގުޅޭގޮތުން އޭނާ ވިދާޅުވީ، "ޕާސްޕޯޓް އެ ދުވަހު ހުށަހަޅާފަ އެ ދުވަހު ހިފަިއގެން ދަނީ. އެ ދުވަހު ހުށަހެޅިމަ އެ ދުވަހު މާލޭގައި އެ ޚިދުމަތްދެނީ. އަތޮޅުތެރޭގައި ކުޑަ ދުވަސްކޮޅެއްވޭ. ޕާސްޕޯޓެއްގެ ބޭނުންޖެހިއްޖެއްޔާ ވަގުތުން އަޅުގަނޑުމެން ފޮނުވާދެން،" ކަމަށެވެ.

މި އާ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އިމިގްރޭޝަންގެ ގިނަ ޚިދުމަތްތަކެއް އާންމުންގެ އަތްފޯރުފަށަށް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން