ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މާލެ ކޮމާޝިއަލް ހާބަރުން އަތުލައިގަތް މި މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3110 ގްރާމް (3.11 ކިލޯ) ހުއްޓެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި ތަހުލީލުކުރިއިރު، އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން (Synthetic Cathinone) އަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތު ދީފައިވެއެވެ.
ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅޭ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން އަންނަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.