ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) ގެ ފާމަސީތަކުން ބޭސް ލިބެން ހުންނަ ތަންތަނާއި ބޭހުގެ އަގުތައް ފަސޭހަކަމާއެކު ބަލާލެވޭނެ ޚާއްޞަ ޕޯޓަލްއެއް އަންނަ ސެޕްޓެމްބަރު މަހު އިފްތިތާޙު ކުރުމަށް ނިންމައިފިއެވެ.
ސްޓޭޓް ފާމާއިން ބުނެފައިަވަނީ، ރާއްޖޭގައި ބޭސް ލިބުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
މި މަސައްކަތުގެ ދަށުން އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމަކާއި އީ-ލޮޖިސްޓިކްސް ސިސްޓަމެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސިސްޓަމްތަކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.
މި އާ ނިޒާމު ފުރިހަމައަށް އަމަލީގޮތުން ބޭނުންކުރަން ފެށުމުން، މުޅި ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި މިންވަރު ވަގުތުން ދެނެގަނެވޭނެއެވެ. މީގެ ސަބަބުން ބޭސް ހުސްނުވެ، ރައްޔިތުންނަށް މެދުކެނޑުމެއްނެތި ބޭސް ލިބޭނެކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް ސްޓޭޓް ފާމާއިން މަޢުލޫމާތު ދެއެވެ.
ކުންފުނިން ހާމަކުރި ގޮތުގައި، ބޭނުންވާ ބޭސްތައް ދުރާލާ ދެނެގަނެވުމަކީ ލޮޖިސްޓިކްސްގެ ގޮތުން ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މިކަމުގެ ސަބަބުން ދިގު މުއްދަތަށް ބޭނުންވާ ބޭސްތައް ރައްކާކޮށް، ރަށްރަށުގައި ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.
މި ޕޯޓަލްއާއި އާ ސިސްޓަމްތަކަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭހާއި މެޑިކަލް ސަޕްލައިސް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.