މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗް ގައި ޚިދުމަތް ކުރެއްވުމަށް، މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި 16 ދިވެހި ޑޮކްޓަރުން ގުޅިވަޑައިގެންފިއެވެ. މިކަން ހާމަކުރައްވާފައިވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ.
ޚިދުމަތާ އަލަށް ގުޅުނު ޑޮކްޓަރުންގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތަޢާރަފުވާ ބައެއް ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ހިމެނޭކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކަށީގެ ބަލިތައް، އެތެރެހަށި، ނިއުރޮލޮޖީ، ރޭޑިއޮލޮޖީ، އީ.އެން.ޓީ، ގެސްޓްރޯއެންޓްރޮލޮޖީ، ޕްލާސްޓިކް ސާޖަރީ، ވެސްކިޔުލަރ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުންވެސް އިތުރު ޑޮކްޓަރުން ވަނީ ޚިދުމަތާ ގުޅިވަޑައިގެންފައެވެ. ސީއީއޯ ޙަލީމް ވިދާޅުވީ މި ކާމިޔާބީއަކީ އެމް.ސީ.ޖީ.އެޗް ގެ ޓީމުން ނުހަނު އުފަލާއެކު ފާހަގަކުރާ ކަމެއް ކަމަށާއި، ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް ގެންގުޅުއްވާ ތަސައްވުރާ އެއްގޮތަށް، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސާޖަރީއާއި އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ތަޢާރަފްކޮށް، ހިތުގެ ފަރުވާއާއި ނާރުގެ ފަރުވާ ފުޅާކުރުމަށްޓަކައި ޒަމާނީ ޚިދުމަތްތައް މިއަހަރު ފެށިގެންދާނެއެވެ. "މިއީ ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް،" ސީއީއޯ ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިސްކަމަށްޓަކައި ޝުކުރު އަދާކުރައްވަމުން، ސީއީއޯ ވަނީ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ. އަދި ހޮސްޕިޓަލްތަކަށް ވަޑައިގަންނަވާ ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް އަޅާލުމާއި، އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެއްވުމަށް އޭނާ ވަނީ ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ.