އަންނަ އަހަރުގެ ދިރާސީ އަހަރަށް ސްކޫލުތަކަށް ކުދިން ވެއްދުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
އަންނަ އަހަރުގެ ދިރާސީ އަހަރަށް ސްކޫލުތަކަށް ކުދިން ވެއްދުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އަންނަ އަހަރުގެ ދިރާސީ އަހަރަށް ސްކޫލުތަކަށް ކުދިން ވެއްދުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ ނިޔަލަށް ތައުލީމާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ކުރަންޖެހޭ އެންމެހާ ތައްޔާރީތައް ދުރާލާ ނިންމުމުގެ މަޤްޞަދުގައެވެ.

ތަޢުލީމީ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ސްކޫލަށް ވަނުމަށް އެދޭ ފޯމު ހުށަހަޅަންޖެހެނީ އެ ވުޒާރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ. މިގޮތަށް ހަމަޖެއްސުމުން ބެލެނިވެރިންނަށް ފަސޭހަކަމާއެކު ފޯމު ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މި މަސައްކަތް ދުރާލާ ފެށުމުގެ މައިގަނޑު މަޤްޞަދަކީ ކިޔަވައިދޭން ބޭނުންވާ ފޮތްތަކާއި ސްޓޭޝަނަރީ ހޯދުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ. ދަރިވަރުން ސްކޫލުތަކަށް ބަހާލެވޭ ގޮތް ކުރިއަށް އެނގުމުން، ބޭނުންވާ ވަޞީލަތްތައް ހަމަކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ސްކޫލު ބަދަލުކުރުމާ ގުޅޭގޮތުން ވުޒާރާއިން ބުނެފައިވަނީ، ޚާއްސަ ޙާލަތެއް މެދުވެރިވެގެން މެނުވީ ސްކޫލު ބަދަލުކުރެވޭނީ އެކަޑަމިކް ކަލަންޑަރުގައި ކަނޑައަޅާފައިވާ ވަކި މުއްދަތެއްގެ ތެރޭގައި ކަމަށެވެ. އެހެންކަމުން ބެލެނިވެރިން މިކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިއަހަރުގެ ބޮޑު ޗުއްޓީ ޑިސެންބަރު 18 އިން ޖަނަވަރީ 16 އަށް ހަމަޖެހިފައިވާއިރު، އައު ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 17 ގައެވެ.

މިއަދު އޮންލައިން