ކ. ތުލުސްދޫގައި އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާޢީލް ޢަލީ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީ އެވެ.
ތުލުސްދޫގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 100 މީހުންގެ ޖާގައިގެ 3 ފަންގިފިލާގެ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިމާރާތުގައި ސިއްޙީ ޚިދުމަތްދޭ ތަނަކާއި، އިދާރީ އޮފީހެއްގެ އިތުރުން ޒަރޫރީ ޚިދުމަތްތަކަށް ބޭނުންވާ ތަންތަން ހިމެނޭނެއެވެ. މީގެ އިތުރުން، އިސްރަށްވެހިންގެ ރިކްރިއޭޝަން ކަންކަމަށް ޚާއްޞަ ސަރަހައްދެއްވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭނެއެވެ.
މި މަޝްރޫޢަކީ ޖުމްލަ 54.76 މިލިއަން ރުފިޔާ އަށް 540 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. 1680 މީހުންގެ އާބާދީއެއް އޮންނަ ތުލުސްދޫގައި މި ހިޔާވަހި ޤާއިމުކުރުމުން، ރަށުގެ އިސްރަށްވެހިންނަށް ރަށުގައި ތިބެގެން ލިބޭ ސިއްޙީ ފަރުވާގެ ޚިދުމަތްތައް ފުޅާވެ، އިޖުތިމާޢީ ގޮތުންނާއި ދުޅަހެޔޮކަމުގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ. މި މަޝްރޫޢަކީވެސް ރާއްޖޭގެ އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެކެވެ.