4 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
4 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި

ސަރުކާރުގެ ހިއްސާވާ ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަނުކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން މިއަދު ހާމަކުރި ގޮތުގައި، މެންބަރުން އައްޔަނުކޮށްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސް އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) ގެ ބޯޑަށެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް އައްޔަނުކޮށްފައިވަނީ ގ.ބާނީ، އަޙްމަދު މާޒިން އެވެ. މާޒިން މި މަޤާމަށް އައްޔަނުކުރައްވާފައިވަނީ އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިންނެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ދ.ބަނޑިދޫ، ފެހިވިނަ، ޝާހިދު މޫސާ އެވެ. ޝާހިދު މޫސާވެސް މި މަޤާމަށް އައްޔަނުކުރީ އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިން ކަމަށް ޕީ.ސީ.ބީ އިން މަޢުލޫމާތު ދެއެވެ.

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް އައްޔަނުކުރައްވާފައިވަނީ ދ.ކުޑަހުވަދޫ، ތިކުރީތު، މަޢީޝާ އިބްރާހިމް އެވެ. މަޢީޝާ މި ބޯޑަށް އައްޔަނުކުރީ އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިންނެވެ.

މީގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައިވަނީ މއ.ޝާހީން، ޢަބްދުﷲ ޔާމީން އެވެ. ޢަބްދުﷲ ޔާމީން މި މަޤާމަށް އައްޔަނުކުރައްވާފައިވަނީ އެހެން މެންބަރުންނެކޭ އެއްފަދައިން އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިންނެވެ.

ޕީ.ސީ.ބީ އިން އަންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ބޯޑުތަކަށް ބަދަލުތައް ގެންނަމުންނެވެ. މިއަދު އައްޔަނުކުރެވުނު ހުރިހާ މެންބަރުންނަކީވެސް މާލީ ދާއިރާގެ ތަޖުރިބާކާރުންކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން