ސަމްޕާގެ ހާއްސަ ހަރަކާތްތަކެއް އދ. އަތޮޅާއި މާލޭގައި ކުރިއަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ސަމްޕާގެ ހާއްސަ ހަރަކާތްތަކެއް އދ. އަތޮޅާއި މާލޭގައި ކުރިއަށް ގެންގޮސްފި

ސައުތު އަރި މެރިން އޭރިއާ (ސަމްޕާ) އިން އިސްނަގައިގެން، އެ ސަރަހައްދު ހިމާޔަތްކުރުމާ ގުޅޭ ހޭލުންތެރިކުރުވުމުގެ ސެޝަންތަކާއި ގައިޑުންނަށް ހާއްސަ އިމްތިހާނުތަކެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތްތަކުގެ ތެރެއިން އދ. ދަނގެއްޗާއި އދ. މަހިބަދޫގައި ރޭ ބޭއްވި ހޭލުންތެރިކުރުވުމުގެ ސެޝަންތަކުގައި ޖުމްލަ 52 މީހުން ބައިވެރިވެފައިވެއެވެ. މި ސެޝަންތަކުގެ މައިގަނޑު މަގުސަދަކީ ކަނޑުގެ ދިރުންތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމެވެ.

ހޭލުންތެރިކުރުވުމުގެ ސެޝަންތަކުގެ އިތުރުން، ސަމްޕާ ގައިޑް އިމްތިހާނު ވެސް އިއްޔެ ވަނީ ބާއްވާފައެވެ. މާލެ، އދ. ދަނގެތި، އަދި އދ. މަހިބަދޫގައި އެއްވަގުތެއްގައި ކުރިއަށް ގެންދިޔަ މި އިމްތިހާނުގައި ޖުމްލަ 46 ގައިޑުން ބައިވެރިވެ އިމްތިހާނު ފުރިހަމަކޮށްފައިވެއެވެ.

ސަމްޕާ އިން މައުލޫމާތު ދޭ ގޮތުގައި، ސަމްޕާ ގައިޑަކަށް ވާން ބޭނުންވާ ފަރާތްތަކަށް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މިގޮތުން ކޮންމެ ބުދަ ދުވަހަކު މާލެ އަދި އދ. މާމިގިލީގައި އިމްތިހާނުތައް ކުރިއަށްދާނެއެވެ.

މި އިމްތިހާނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ސަމްޕާގެ ރަސްމީ ލިންކް މެދުވެރިކޮށް ސްލޮޓްތައް ބުކްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގައިޑުންގެ ފެންވަރު މަތިކުރުމަށް ކުރިއަށް ގެންދެވޭ މުހިންމު މަސައްކަތެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން