ސަރަޙައްދީ ފެންވަރުގައި ވާދަވެރި އިންވެސްޓްމަންޓް މަންޒިލަކަށް ރާއްޖެ ހެދުމަށް ދަނީ މަސައްކަތްކުރަމުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ސަރަޙައްދީ ފެންވަރުގައި ވާދަވެރި އިންވެސްޓްމަންޓް މަންޒިލަކަށް ރާއްޖެ ހެދުމަށް ދަނީ މަސައްކަތްކުރަމުން: ވަޒީރު

ދިވެހިރާއްޖެއަކީ ސަރަޙައްދީ ފެންވަރުގައި ވާދަވެރި އަދި އިތުބާރު ހުރި އިންވެސްޓްމަންޓް މަންޒިލަކަށް ހެދުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިގުތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޖަޕާނު އެމްބަސީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޚާއްޞަ ބިޒްނަސް ވެބިނާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވަނީ ޖަޕާނާއި ރާއްޖެއާ ދެމެދު އޮންނަ އިގުތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ ޖަޕާނުގެ ކުރިއަރާފައިވާ ވިޔަފާރި އުކުޅުތަކުން ދިވެހި ވިޔަފާރިވެރިން ނަމޫނާ ލިބިގަތުމަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް ލިބޭނެ ބޮޑު ބާރެއް ކަމަށެވެ.

ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އަލަށް އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ސަބަބުން އިންވެސްޓަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ގާނޫނުގެ ދަށުން އިންވެސްޓަރުންނަށް އިތުބާރު ހުރި އަދި މިހާރަށްވުރެ ހަލުވި ނިޒާމެއް ގާއިމުވެފައިވާކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާނުވެ، ރާއްޖޭގެ އިގުތިޞާދު ސިންދަފާތުކުރުންކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، "އިއާދަކުރަނިވި ހަކަތަ، ޑިޖިޓަލް އިގުތިޞާދު، އަދި މާލީ ހިދުމަތްތައް ފަދަ ދާއިރާތަކުން އިންވެސްޓްމަންޓް ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން" ކަމަށެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ އިންވެސްޓަރުންގެ ބޭނުންތަކަށް އިޖާބަދޭ، ހުޅުވާލެވިފައިވާ މާހައުލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ތަސައްވުރެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ. މިފަދަ މާހައުލެއްގެ ސަބަބުން ރާއްޖޭގެ އިގުތިޞާދީ ދުވެލި ހަލުވިވެ، ބޭރުގެ އިންވެސްޓްމަންޓްތަކަށް އޮތް ފުރުސަތުތައް އިތުރަށް ތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން