މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން: ވަޒީރު

ގައުމީ އެއާލައިން މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާކަން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިކަމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ދުނިޔޭގެ ބޮޑެތި ސިޓީތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުން ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ކޯވިޑް-19 އާއި ބައިނަލްއަގުވާމީ ގޮތުން ކުރިމަތިވާ ހަމަނުޖެހުންތަކުގެ ތަޖުރިބާއަށް ބަލާއިރު، ގައުމީ އެއާލައިން ވަރުގަދަކުރުމަކީ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ. މި މަގްސަދު ހާސިލްކުރުމަށްޓަކައި އެއާލައިންގެ ފްލީޓް ވަރުގަދަކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.

މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ގޮތުން އެއާބަސް މަތިންދާބޯޓު ހޯދުމާއި، ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ބޯޓުތައް ޒަމާނީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ދަތުރުފަތުރުގެ ނިޒާމަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

މަތިންދާބޯޓު ހޯދުމުގައި ދުނިޔޭގެ ބާޒާރުގައި ދަތިތަކެއް ހުރި ނަމަވެސް، ވަޒީރު ވިދާޅުވީ "މިއަހަރުގެ ނިޔަލަށް ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިތުރު ބޯޓުތައް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ލަފާކުރެވޭ" ކަމަށެވެ. މި ބަދަލާއެކު މޯލްޑިވިއަންގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމުގެ މަގު ފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން