އިންޑޮނޭޝިއާގައި ބާއްވާ "ހަލާލް އިންޑޯ އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
އިންޑޮނޭޝިއާގައި ބާއްވާ "ހަލާލް އިންޑޯ އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

އިންޑޮނޭޝިއާގެ ޓަންގަރަންގގައި 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 'ހަލާލް އިންޑޯ އެކްސްޕޯ' ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުޅުވާލައިފިއެވެ. މި އެކްސްޕޯ ކުރިއަށް ދާނީ 2026 ސެޕްޓެންބަރު 24 އިން 27 އަށެވެ.

މި އެކްސްޕޯގެ މައިގަނޑު މަޤުސަދަކީ ދުނިޔޭގެ ހަލާލު އުފެއްދުންތަކުގެ މަރުކަޒަކަށް އިންޑޮނޭޝިއާ ހެދުމާއި، ބައިނަލްއަޤުވާމީ ވިޔަފާރި ގުޅުންތައް ބަދަހިކޮށް ކުރިއެރުވުމެވެ. މިއީ ދިވެހި އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރަށް ތައާރަފުކުރުމަށް ލިބޭ މުހިންމު ފުރުސަތެއްގެ ގޮތުގައި އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރެއެވެ.

މި ހަރަކާތުގައި ތަފާތު އެކި ދާއިރާތަކުން ހަލާލު އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހަލާލް ކާބޯތަކެތި، އިސްލާމީ ފެޝަން، ކޮސްމެޓިކްސް، އިސްލާމީ ފައިނޭންސް އަދި ހަލާލް ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ.

މީގެ އިތުރުން، އެކްސްޕޯގެ ތެރެއިން ވިޔަފާރިވެރިންނަށް ޚާއްޞަ 'ބިޒްނަސް މެޗިންގ' ފޯރަމްތަކާއި މަޝްވަރާ ބައްދަލުވުންތައް ކުރިއަށްދާނެއެވެ. މިއީ އެކި ޤައުމުތަކުގެ ވިޔަފާރިވެރިންނާ ބައްދަލުވެ، އައު ވިޔަފާރި ގުޅުންތައް ގާއިމުކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.

މި އެކްސްޕޯގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކްސްޕޯގެ ރަސްމީ ވެބްސައިޓް www.halalindo.com މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހެއެވެ. އަދި ފޯމު ހުށަހެޅުމަށްފަހު، އެ މައުލޫމާތު އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ އެވުޒާރާއަށް [email protected] އީމެއިލް މެދުވެރިކޮށް ހިއްސާކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

މިއަދު އޮންލައިން