ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އައްޔަންކުރުމަށްޓަކައި އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި އިންތިޚާބަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކުގެ ބައިވެރިވުން އެލްޖީއޭގެ ނިންމުންތަކުގައި އިތުރުކުރުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ.
އެލްޖީއޭއިން ހާމަކޮށްފައިވާ ގޮތުގައި މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ބޯޑަށް ތިން މެންބަރަކު އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެކެވެ.
މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން އެލްޖީއޭއިން ކަނޑައަޅާފައިވާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭނެއެވެ.
ފޯމު ހުށަހެޅުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން އެލްޖީއޭއިން ބުނީ، ފޯމު ހުށަހަޅަންޖެހެނީ އެ އޮތޯރިޓީގެ އިންތިޚާބާ ބެހޭ ޚާއްސަ އީމެއިލް އެޑްރެހަށް ކަމަށެވެ. ނަމަވެސް، އީމެއިލް މެދުވެރިކޮށް ފޯމު ފޮނުވުމަށް ދަތިވާ ފަރާތްތަކަށް އެލްޖީއޭގެ އޮފީހަށް ހާޒިރުވެ ފޯމު ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.
މި އިންތިޚާބަކީ ކައުންސިލްތަކުގެ ހިންގުމާއި، ލާމަރުކަޒީ އުސޫލުން ރަށްތަކާއި ސިޓީތައް ތަރައްގީކުރުމުގައި ކައުންސިލަރުންގެ ދައުރު ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.