ހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އިތުރުކުރުމާއި ޖީޕީ ކްލިނިކްގެ މަސައްކަތް އޮކްޓޫބަރު 18 އަށް ނިންމަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
ހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އިތުރުކުރުމާއި ޖީޕީ ކްލިނިކްގެ މަސައްކަތް އޮކްޓޫބަރު 18 އަށް ނިންމަނީ

ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ވޯޑުތަކަށް ޖާގަ އިތުރުކުރުމާއި ދެވަނަ ފިޔަވަހީގައި ގާއިމްކުރާ ޖީޕީ ކްލިނިކްގެ މަސައްކަތްތައް އަންނަ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހަށް ނިންމުމަށް ތާވަލުކޮށްފިއެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހީ ޚިދުމަތް ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލަށް ޖުމްލަ 28 އެނދު އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) ގެ 4 އެނދާއި، ޖެނެރަލް ވޯޑުގެ 15 އެނދުގެ އިތުރުން ކުޑަކުދިންގެ ވޯޑަށް އިތުރުކުރެވޭ 9 އެނދެވެ. މި ބަދަލާއެކު ހޮސްޕިޓަލަށް އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ބަލިމީހުންނަށް އޮތް ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް 6 ވަނަ ޓަވަރުގައި ގާއިމްކުރާ ޖީޕީ ކްލިނިކަކީ އެ ސަރަހައްދުގައި ދިރިއުޅޭ އާބާދީއަށް އަމާޒުކޮށްގެން ހުޅުވާ ކްލިނިކެކެވެ. މި ކްލިނިކުން އާންމު ބަލިތަކަށް ފަރުވާދިނުމާއި، އެކްސްރޭ ނެގުމުގެ އިތުރުން ލެބޯޓްރީ ސާމްޕަލް ނެގުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. މިއީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުން ކުދިކުދި ކަންކަމުގައި ހޮސްޕިޓަލަށް ދާންޖެހޭ ދިއުން މަދުކޮށްދޭނެ ޚިދުމަތެކެވެ.

ވޭތުވެދިޔަ ދެ އަހަރަކީ ހުޅުމާލެ ހޮސްޕިޓަލުގެ އުމްރާނީ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު ދުވަސްތަކެކެވެ. އެގޮތުން ހޮސްޕިޓަލުގައި އައު އޮޕަރޭޝަން ތިއޭޓަރު ކޮމްޕްލެކްސްއަކާއި، 10 އެނދުގެ އައިސީޔޫއެއްގެ އިތުރުން ތުއްތު ކުދިންނަށް ފަރުވާދޭ އެންއައިސީޔޫއެއް ވަނީ ގާއިމްކޮށްފައެވެ.

މީގެ އިތުރުން، ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީއާރު) ގެ އެނދުތަކުގެ އަދަދު 7 އިން 14 އަށް އިތުރުކޮށް، ޑައިލިސިސް ޔުނިޓުގެ ޚިދުމަތްވެސް ވަނީ ކުރިއަށްވުރެ ފުޅާކޮށްފައެވެ. މި ހުރިހާ ބަދަލުތަކާއެކު ހުޅުމާލެ ހޮސްޕިޓަލަކީ ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދޭ މަރުކަޒަކަށް ހެދުމަށް ކުރާ މަސައްކަތްތައް ދަނީ ބާރުމިނުގައި ކުރިއަށެވެ.

މިއަދު އޮންލައިން