ކުތުބުޚާނާތަކަކީ ޢިލްމާއި ޙިލްމު ލިބިފައިވާ މުޖުތަމަޢެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާތަކެއްކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޤައުމީ ކުތުބުޚާނާގެ 81 ވަނަ އަހަރީ ދުވަހާއި، ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ހީނާ ވަނީ ޤައުމީ ކުތުބުޚާނާގެ 81 ވަނަ އަހަރީ ދުވަހާއި، ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ އެންމެހާ ފަރާތްތަކަށް އަރިސްކުރައްވާފައެވެ.
ވަޒީރުގެ މެސެޖުގައި ކުތުބުޚާނާތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، "ކުތުބުޚާނާތަކަކީ ޢިލްމާއި ޙިލްމު ލިބިފައިވާ މުޖުތަމަޢެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާތަކެއް" ކަމަށެވެ. އަދި ކިޔުންތެރިކަމުގެ ތެރެއިން މި މާތް މަޤްޞަދު ޙާޞިލުކޮށްދިނުމުގެ އިތުރުން، ކުތުބުޚާނާތަކަކީ ދިރިއުޅުމުގައި ބޭނުންވާ ޞައްޙަ މަޢުލޫމާތު ހޯދުމަށް މަގުކޮށައިދޭ އާރުކާޓީއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ޤައުމީ ކުތުބުޚާނާއަކީ ރާއްޖޭގައި ޢިލްމު ފެތުރުމާއި ތާރީޚީ ލިޔެކިޔުންތައް ރައްކާތެރިކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް މުއައްސަސާއެވެ. މިއަދު ފާހަގަކުރަމުންދާ 81 ވަނަ އަހަރީ ދުވަހަކީ އެ މުއައްސަސާގެ ދިގު ތާރީޚާއި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތައް ވަޒަންކުރާ ދުވަހެކެވެ.