މުދައްރިބުން ކުރާ ބުރަ މަސައްކަތުގެ އަގު މަތީ ފަންތީގައި ދާއިމީ ގޮތެއްގައި ވަޒަންކުރުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 51ސ
މުދައްރިބުން ކުރާ ބުރަ މަސައްކަތުގެ އަގު މަތީ ފަންތީގައި ދާއިމީ ގޮތެއްގައި ވަޒަންކުރުމަށް ނިންމައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަމްރީނުތައް ހިންގާ މުދައްރިބުން ކުރާ ބުރަ މަސައްކަތުގެ އަގު މުއައްސަސާގެ އެންމެ މަތީ ފަންތީގައި ދާއިމީ ގޮތެއްގައި ވަޒަންކުރުމަށް ނިންމަވައިފިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އެގްޒެކެޓިވް އޮފިސަރުންނާއި، 42 ވަނަ އަސާސީ ތަންރީނު ކޯހުގެ މުދައްރިބުންގެ އަގުވަޒަންކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ކުރިއަށް އޮތް އަސާސީ ތަމްރީނު ކޯސްތައް ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުތަކުގެ ތެރެއިން މުދައްރިބުންނަށް ހަނދާނީ ފިލާ އާއި ސެޓްފިކެޓް ހަވާލުކުރާ ގޮތަށް ހަމަޖެއްސުމަށް ނިންމަވާފައިވާ ކަމަށެވެ.

މުދައްރިބުން ކުރާ މަސައްކަތަކީ ހަމައެކަނި ތަމްރީނެއް ދިނުން ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ހިދުމަތްކުރާނެ ބައެއްގެ އަހުލާގާއި، އިލްމާއި ތަރުބިއްޔަތު ބައްޓަންކުރުމުގެ ސީރިއަސް ޒިންމާއެއް ކަމަށެވެ. އެހެންކަމުން، ކޮލެޖުގެ ގަވާއިދުތައް ތަންދޭނަމަ، ކުރިއަށް އޮތް ހުރިހާ އަސާސީ ތަމްރީން ކޯސްތައް ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގެ ތެރެއިން، ކޯސް އޮފިސަރާ ރަސްމީކޮށް މުދައްރިބުންގެ ސެޓްފިކެޓްތައް ހަވާލުކުރާ ގޮތަށް ޕްރޮގްރާމް ބައްޓަންކުރުމަށް ސީޕީ ވަނީ ކޮލެޖުގައި އެދިވަޑައިގެންފައެވެ.

މިގޮތަށް މިކަން ކުރެވިގެންދިޔާމާ، އަދި މިއަށްވުރެންވެސް ފުރިހަމަވެގެންދާނެކަމަށް އަޅުގަނޑަށް ވިސްނެނީ. ކުރެވެން ނެތިއްޔާމު އަޅުގަނޑު މިތާގައި ހުރިހާ ދުވަހަކު މިގޮތުގައި މިކަން ކުރިއަށްގެންދަން އަޅުގަނޑު ބަލާނަން. މުދައްރިބުންގެ މަސައްކަތް މުޅި މުއައްސަސާގެ އެގްޒެކެޓިވް ލެވެލްއިން ބަލައިގަނޭ. ކޮމިޝަނަރ

ކޮމިޝަނަރގެ ވާހަކައިގައި، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ސުންނާފަތިވި ޖަޕާނު އަލުން ކޮޅަށް ޖެހުމަށްޓަކައި ޑޮކްޓަރުންނާއި ނަރުހުންނަށްވުރެ ކުރިން، ދުނިޔޭގައި ތިބި ޓީޗަރުން ހޯދައި އިސްކަންދިން ތާރީޚީ މިސާލު ފާހަގަކުރައްވާފައެވެ.

އަދި ކޮންމެ މުއައްސަސާއެއް ނުވަތަ ގައުމެއް އާރާސްތުކުރުމުގެ އަސްލަކީ އުނގެނުމާއި އުނގަންނައިދިނުން ކަމަށްވާއިރު، ފުލުހުންގެ ސަފުތައް ވަރުގަދަކުރުމުގައި މުދައްރިބުންގެ ދައުރު ނުހަނު ބޮޑު ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން، ފުލުހުންގެ މަސައްކަތްތަކަށް ބަލާއިރު މުވައްޒަފުންގެ އަދަދު އަދިވެސް މަދުކަން ފާހަގަކުރައްވައި، ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އައު ބެޗެއްގެ ތަމްރީނުތައް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް ކޮމިޝަނަރ ހާމަކުރެއްވިއެވެ.

އެގޮތުން، މިކަމާ ގުޅޭގޮތުން، ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގައި މަޝްވަރާކުރެވި، އޭގެ ތެރެއިން ވަރަށް މުހިއްމު ބޮޑު މަސައްކަތެއް ފުރިހަމަކުރެވިފައިވާ ކަމަށާއި، ލަސްތަކެއް ނުވެ އާ ބެޗެއް މުދައްރިބުންނާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ ތަމްރީނުތަކަކީ ނިމުމެއް އޮންނަ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ކޮމިޝަނަރ އިތުރަށް ވިދާޅުވީ، އަސާސީ ތަމްރީނަށްފަހު ޚިދުމަތަށް ނުކުންނަ ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ "އިން-ހައުސް ޓްރޭނިންގ" ތައްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ތަމްރީނުތައް އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށް ސްޓްރެޓީޖިކް ޕްލޭންތައް ރޭވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، ކޮމިޝަނަރ ވަނީ މުދައްރިބުން ކުރައްވާ ގައުމީ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން