ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އދ.ދިއްދޫ ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފިއެވެ.
ސަރުކާރުން ދިއްދޫގައި ތަރައްޤީކުރި އައު ފުޓުސަލް ދަނޑު ރަސްމީކޮށް ހުޅުވާފައިވަނީ އެކަމަށްޓަކައި އެ ރަށުގައި ހުކުރު ދުވަހު ހަވީރު އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އިސްވެރިންނާއި އެމްޓީސީސީގެ ޑީއެމްޑީ އަހުމަދު މުބީންގެ އާއި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދުގެ އިތުރުން ދިއްދޫ ކައުންސިލްގެ އިސްވެރިން އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
އދ. ދިއްދޫ ފުޓްސަލް ދަނޑު ހުޅުވުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުންކަމަށެވެ. އެގޮތުން ރަށުގައި ތިބެގެން އެކި ކުޅިވަރުތައް ކުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި މިހާރުވެސް މުޅި ރާއްޖެ ހިމެނޭގޮތުން ގިނަ ޕްރޮޖެކްޓްތަކެއް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރަށްރަށުގައި ހުޅުވަމުންދާ ފުޓްސަލް ދަނޑުތަކުން މޮޅެތި ގިނަ ކުޅުންތެރިންތަކެއް މުޖުތަމައަށް ނިކުމެ ގިނަ ޒުވާނުންނަކަށް ފުރުސަތުތައް ފަހިވެގެންދިޔުމަކީ ސަރުކާރުން މިކަމަށް ދެއްވާ އަހަމިއްޔަތު ފެނިގެންދާކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
500 އެއްހާ މީހުންގެ އާބާދީއެއް އޮތް ދިއްދޫގައި ފުޓުސަލް ދަނޑު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ މެދުތެރޭގައެވެ.
ހަބަރު: ސަރުކާރު