ފުރަތަމަ ފަހަރަށް އައްޑޫ ގަން އެއާޕޯޓުން ސީދާ ސައުދީއަށް އުމްރާ ދަތުރުތައް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ފުރަތަމަ ފަހަރަށް އައްޑޫ ގަން އެއާޕޯޓުން ސީދާ ސައުދީއަށް އުމްރާ ދަތުރުތައް ފަށައިފި

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް މިއަދު ފަށައިފިއެވެ. މިއީ އައްޑޫ ސިޓީއާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އުމްރާގެ އަޅުކަމަށް ދިއުމުގައި ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.

މި ތާރީޚީ ދަތުރަކީ ޤައުމީ އެއާލައިން، މޯލްޑިވިއަން އާއި އުމްރާގެ ޚިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ 'ދަ ޓްރެވެލާ' ގުޅިގެން ކުރިއަށްގެންދާ ދަތުރެކެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ މޯލްޑިވިއަންގެ އޭ330 މަރުކާގެ ބޯޓެވެ.

މި ދަތުރާ ގުޅޭގޮތުން މޯލްޑިވިއަނުން ބުނެފައިވަނީ މިއަދަކީ ހަމައެކަނި އައު ރޫޓެއް ފެށުނު ދުވަހެއް ނޫން ކަމަށާއި، މިއީ ގުޅުންތައް ބަދަހިވެ، އިތުރު ފުރުސަތުތަކަށް މަގުފަހިވެގެންދިޔަ، އެ އެއާލައިނަށް ލިބުނު ފަޚުރުވެރި ކުރިއެރުމެއް ކަމަށެވެ. މޯލްޑިވިއަނުން ވަނީ އުމްރާވެރިންނަށް އަމާން ދަތުރަކަށް އެދިފައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުން ޖިއްދާއަށް ފުރި ފުރަތަމަ ފްލައިޓްގައި ކުޑަކުދިން ހިމެނޭހެން ޖުމްލަ 260 މީހުން ވަނީ އުމްރާގެ އަޅުކަމަށް ފުރާފައެވެ. މިއީ މާލެއަށް ނައިސް، ސީދާ ދެކުނުން ބޭރަށް ފުރި ފުރަތަމަ އުމްރާ ފްލައިޓެވެ.

މި ދަތުރުތައް ފެށުމާއެކު، އައްޑޫ އަދި ފުވައްމުލަކު ސިޓީގެ އިތުރުން ހުވަދު އަތޮޅުގެ ރައްޔިތުންނަށްވެސް އުމްރާއަށް ދިއުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކާއި ހޭދަވާ ވަގުތު ވަރަށް ބޮޑަށް ސަލާމަތްވެގެންދާނެއެވެ. މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ބޭރަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން