ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވި އިންތިޚާބުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 85 އިންސައްތަ މީހުން ވޯޓުލާފައިވާކަން އެ ޕާޓީން ހާމަކޮށްފިއެވެ.
މމިކަން ހާމަކުރެއްވީ ިއަދު ބޭއްވި މި އިންތިޚާބުގެ ވޯޓުލުން ނިންމާލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. ރާއްޖޭގެ 119 ރަށެއްގައި ކުރިއަށްދިޔަ މި އިންތިޚާބުގައި 2،400 އާ ގާތްކުރާ އަދަދަކަށް ކެންޑިޑޭޓުން ވާދަކޮށްފައިވާ ކަމަށާއި މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިޚާބުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 40،000 އެއްހައި މީހުންގެ ތެރެއިން 32،000 އާއި 33،000 އާ ދެމެދުގެ އަދަދެއްގެ މެންބަރުން ވަނީ ވޯޓުލާފައެވެ.
"އަޅުގަނޑުމެން ވޯޓު ފޮށި ބަންދުކުރުމާ ހަމައަށް އައިއިރު ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ބޭފުޅުންގެ 85 އިންސައްތަ ބޭފުޅުން ގާތްގަނޑަކަށް މިވަނީ ވޯޓުލާފައި،" ޗެއާޕާސަން ވިދާޅުވިއެވެ.
މިހާ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ނުކުތުމަކީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، މި ސަރުކާރަށް ރައްޔިތުންގެ އޮތް އިތުބާރުގެ ރަމްޒެއް ކަމަށް ޢަބްދުއްރަޙީމް ސިފަކުރެއްވިއެވެ. އަދި އެހައި ގިނަ ކެންޑިޑޭޓުން ވާދަކުރި ނަމަވެސް، އިންތިޚާބުގެ ކަންކަން ވަރަށް ސުލްހަވެރިކަމާއެކު ނިންމާލެވުމަކީ ޕީއެންސީގެ ތަފާތުކަން ހާމަވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންތިޚާބުގެ ތެރޭގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގައި، ހުރިހާ މެންބަރުންވެސް ޕާޓީގެ މަސްލަހަތު އިސްކޮށްފައިވާތީ އެކަމަށްޓަކައި ޗެއާޕާސަން ވަނީ ކެންޑިޑޭޓުންނަށާއި ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.