ގްލޯބަލް ފަންޑް ޓު ފައިޓް އެއިޑްސް، ޓިއުބަކިއުލޯސިސް އަދި މެލޭރިއާގެ ބޯޑު މެންބަރެއްގެ ގޮތުގައި ތަމްސީލް ކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ގްލޯބަލް ފަންޑް ޓު ފައިޓް އެއިޑްސް، ޓިއުބަކިއުލޯސިސް އަދި މެލޭރިއާގެ ބޯޑު މެންބަރެއްގެ ގޮތުގައި ތަމްސީލް ކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިއްޖެ

ގްލޯބަލް ފަންޑް ޓު ފައިޓް އެއިޑްސް، ޓިއުބަކިއުލޯސިސް އަދި މެލޭރިއާގެ ބޯޑު މެންބަރެއްގެ ގޮތުގައި ތަމްސީލް ކުރުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. މިކަން އިޢުލާނުކޮށްފައިވަނީ ސްވިޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ އެ ފަންޑުގެ 52 ވަނަ ބޯޑު ބައްދަލުވުމުގެ ތެރެއިންނެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވީ، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތައް ތަމްސީލުކުރާ ބޯޑު މެންބަރެއްގެ ގޮތުގައި ރާއްޖެއަށް މި ލިބުނު ފުރުޞަތަކީ ބައިނަލްއަޤުވާމީ ޞިއްޙީ ސިޔާސަތުތައް ބައްޓަންކުރުމުގައި ރާއްޖެއަށް ލިބުނު މުހިންމު ދައުރެއް ކަމަށެވެ. މިއީ ސަރަޙައްދީ ޞިއްޙީ ހަމަހަމަކަން ޤާއިމުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ޞިއްޙީ ނިޒާމުތައް ބަދަލުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި ބޯޑު މެންބަރުކަމާއެކު، އެޗް.އައި.ވީ، ޓީބީ އަދި މެލޭރިއާއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ބައިވެރިވުން އިތުރުވެގެންދާނެއެވެ. ޚާއްޞަކޮށް މި ބަލިތައް ކޮންޓްރޯލްކުރުމުގައި ރާއްޖެއިން ހޯދަމުންދާ ކާމިޔާބީތައް ދެމެހެއްޓުމަށް މި ފުރުޞަތުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.

ރާއްޖެއަކީ ޞިއްޙީ ދާއިރާއިން ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުން އަންނަ ޤައުމެކެވެ. އެގޮތުން "މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ހުއްޓުވުމުގެ (ޓްރިޕަލް އެލިމިނޭޝަން) ލަނޑުދަނޑި ހާސިލުކުރި ދުނިޔޭގެ ފުރަތަމަ ޤައުމަކީ" ވެސް ދިވެހިރާއްޖެއެވެ.

މި އައު ދައުރާއެކު، ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޞިއްޙީ މައްސަލަތަކުގައި ވަކާލާތުކުރުމާއި، ގްލޯބަލް ފަންޑުގެ އެހީގައި ހިންގޭ މަޝްރޫޢުތައް އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން އިސް ދައުރެއް އަދާކުރާނެއެވެ.

މިއަދު އޮންލައިން