އާއްމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް މިއަދަށްވުރެ ފަސޭހައިން ބޭންކު ރޭޓުގައި ޑޮލަރު ލިބުނު ޒަމާނެއް ނާންނަ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
"އެމްއެމްޓީވީ" އިން ގެނެސްދިން ޕީއެންސީ ދާއިރާތަކުގެ އިންތިހާބުގެ ކަވަރޭޖް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަލާހު ވަނީ، ރާއްޖެއަށް ޑޮލަރު ނުލިބޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ ޑޮލަރުގެ ވާހަކަ ދައްކަން އެމްޑީޕީން ލަދުވެތިވާން ޖެހޭނެ ކަމަށާއި، އެ ޕާޓީގެ ފުރަތަމަ ވެރިކަން ނިމިގެންދިޔައީވެސް ގައުމު ހިންގާނެ ގޮތެއް ނޭނގިގެން ކަމަށެވެ. އަދި އެ ދުވަސްވަރު ތަކެތީގެ އަގުބޮޑުވެ، ހިދުމަތްތައް ހީނަރުވުމުން ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާކުރިކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
"އެމްޑީޕީން 2008 ގައި ވެރިކަމަށް އައުމަށްދެއްކި ވާހަކަތައް ވެސް ރައްޔިތުންވީ ހަނދާން ކުރަން. އެބޭފުޅުން ވިދާޅުވީ ރާއްޖެ ހިންގުމަށް ބޭނުންވަނީ ވެރިކަމަކާއި ފަޅުރަށެއް ކަމަށް. އެ ވަރުން ރައްޔިތުން އުޅޭނީ ވަރަށް އުފާފާގަތިކަމުގައި ކަމަށް. އެހެންނަމަވެސް ވެރިކަމަށް ދެ އަހަރުވިތަނާ އަލަށް ވެރިކަމަށް ހުވާކުރެއްވި ބޭފުޅާ ފައިބާވަޑައިގެންދިޔައީ ހަގީގަތުގައި ގައުމު ހިންގޭނެ އެއްވެސް ގޮތެއް ނެތިގެން. ހިންގަން ނޭނގިގެން. އޭރު ރައްޔިތުން ތިބި ހާލަތުން ރައްޔިތުން ދިޔައީ އަރައަރައިގަނެގެން. ހުރިހާ ހިސާބެއްގައި ދިޔައީ މުޒާހަރާކުރަމުން. އެ ވެރިކަން ނިމިގެން ދިޔައިރު ބޮޑު ދަރަންޏެއް އޮތް،". ފަލާހް ވިދާޅުވިއެވެ.
ޑޮލަރުގެ ތާށިކަމެއް ނެތްކަން ހާމަކޮށްދެއްވުމަށް ފަލާހު ވަނީ މިހާރު ބޭންކުތަކުން ޑޮލަރު ދޫކުރާ ބައެއް މުހިންމު ދާއިރާތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން:
"އެހެންވީމާ ހަގީގަތުގައި އާއްމު ރައްޔިތު ފަރުދުންނަށް މިއަށްވުރެ ފަސޭހައިން ބޭންކު ރޭޓުގައި ޑޮލަރު ލިބުނު ޒަމާނެއް ނާންނާނެ،" ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން، ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމުގައި ބޭންކުން ލިބޭ ލުއިތަކަށްވެސް އޭނާ އިޝާރާތް ކުރެއްވިއެވެ. ޝިޕްމެންޓެއްގެ 20 އިންސައްތައާ ހަމައަށް ބޭންކުން ޑޮލަރު ހަމަޖައްސައިދޭތީ، ވިޔަފާރިވެރިންނަށް ޑޮލަރުގެ ޖުމްލަ ރޭޓު ޖެހެނީ 18 ވަރަކަށް ރުފިޔާގައި ކަމަށް ފަލާހު ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވީ، ޑޮލަރުގެ އަގަށް ބަދަލު އައީ އެމްޑީޕީގެ ވެރިކަމުގައި އަށް ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ހުރި ފައިސާ ބޭނުންކޮށް، އެ ފަންޑު ދެ މިލިއަން ޑޮލަރަށް ހުސްކޮށްލާފައިވާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ސަރުކާރުން ބޮޑެތި ދަރަނިތައް ނެގި ނަމަވެސް، އެ ފައިސާއިން ކުރި އެދެވޭ ކަމެއް ފެންނާކަށް ނެތެވެ. އަދި އެ ދަރަނިތަކުން އުފެއްދި އެއްޗެއް ރައްޔިތުންނަށް ސާފުކޮށްދިނުމުގައި އެ ޕާޓީ ވަނީ ނުކުޅެދިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.