ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ބާއްވަމުންދާ އެތެރޭގެ ބޮޑު އިންތިޚާބަކީ ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ ފަދަ ހަރުދަނާ އިންތިޚާބެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ މި އިންތިޚާބަކީ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުން ހޮވުމުގެ އިތުރުން، މަޖިލިސް މެންބަރުން ތަމްސީލުނުކުރާ ދާއިރާތަކުގެ ރައީސުންނާއި، މެންބަރުން ތިއްބެވި ދާއިރާތަކުގެ ނައިބު ރައީސުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިހާބެކެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ، މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އެތެރޭގައި މިހާތަނަށް ބާއްވާ އެންމެ ގިނަ މަގާމުތަކަށް މީހުން އިންތިޚާބުކުރާ އަދި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބު ކަމަށެވެ. އެގޮތުން 2،086 މަގާމަށް މީހުން ހޮވުމަށް 131 ރަށެއްގައި ވޯޓު ފޮށި ބަހައްޓައިގެން ވަރަށް ވާދަވެރިކަމާއެކު އިންތިޚާބު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިފަދަ ބޮޑު އިންތިޚާބަކަށް ޕީއެންސީން ތައްޔާރުވުމަށް ހޭދަވީ މަހެއްހައި ދުވަސްކަން ފާހަގަކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ ވޯޓުލުމުގެ ކަންކަން މިހައިހިސާބަށް އައިއިރު މައްސަލައެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ. އަދި އިންތިޚާބުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ މައްސަލަތަކެއް އުފެދޭ ވަރަށްވުރެ މާފުރިހަމަކޮށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެންމެ ގިނަ ކެންޑިޑޭޓުން ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި ވާދަކުރާ އިންތިޚާބަކީ މިއަދު މިހާރު ފެށިގެން ކުރިއަށްދާ އިންތިޚާބު. އެނގިވަޑައިގަންނަވާނެ 2086 މަގާމަށް މީހުން އިންތިޚާބުކުރަންޖެހޭ. އެއަށްވުރެ މާގިނައިން އެބަތިބި ކުރިމަތިލާފައި އިނގޭތޯ؟ 131 ރަށު ދާއިރާތަކުގައި އަޅުގަނޑުމެން ވޯޓު ފޮށި ބަހައްޓައިގެން ވާދަވެރިކަމާއެކު ކުރިއަށްދޭ،" އަބްދުއްރަޙީމް ވިދާޅުވިއެވެ
ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ޚާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކުރިއަށްދާ މި އިންތިޚާބުގެ އިންތިޒާމުތައް ވަރަށް ފުރިހަމަކަން ފާހަގަކުރައްވަމުން، އަބްދުއްރަޙީމް ވިދާޅުވީ ވެރިކަމުގައި އޮވެ މިފަދަ ބޮޑު އިންތިޚާބެއް ބާއްވަން ކެރުނީ ޕާޓީއަށް އޮތް ބޮޑު އިތުބާރެއްގެ ސަބަބުން ކަމަށެވެ.
ޒަމާނުއްސުރެ ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕާއި އާންމު މެންބަރުންނާ އޮންނަ ގުޅުން ކުޑަވުމުގެ ޝަކުވާ އޮންނަކަން ފާހަގަކުރައްވައި، ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް މުޢިއްޒުގެ ޒަޢާމަތުގައި އެކަމަށް ބޮޑު ޙައްލެއް ލިބިފައިވާ ކަމަށެވެ. ވަކިން ޚާއްސަކޮށް ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އަޑުއެއްސެވުމަކީ މީގެ ކުރިން ފެނިފައިނުވާ ހަރުދަނާ އުސޫލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ މި އިންތިޚާބު ނިމިގެންދާއިރު އަޅުގަނޑުމެންގެ އެއްވެސް ރަށެއް ނޯންނާނެ، ޑައިރެކްޓްކޮށް ޕާޓީއާ ގުޅިފައި ނެތް އެއްވެސް ރަށެއް. އެ ފެންވަރަށް ޕާޓީގެ އިންތިޒާމުތައް ދަނީ ހަމަޖެހެމުން. މިއިންތިޚާބު ނިމި ކޮންގްރެސް ނިމިގެންދާއިރު ފެންނާނެ ޕާޓީ އޭގެ އަސްލު ޒާތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޕާޓީ ހިނގާ ގޮތަށް ހިނގާ ޕާޓީ، އެކަން ފެންނާނެ ޕީއެންސީގެ ތެރެއިން،" އަބްދުއްރަޙީމް ވިދާޅުވިއެވެ.
ޕީއެންސީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ޕާޓީގެ ޖަގަހަތައް ހުޅުވައި، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިނގާ ޕާޓީއަކަށް ވުމެވެ. މިއަދުގެ އިންތިޚާބަށްފަހު އޮކްޓޯބަރު މަހު ބާއްވާ ކޮންގްރެސްއާއެކު، ޕާޓީގެ ހިންގުން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ޔަގީންކަން ޗެއާޕާސަން އަބްދުއްރަޙީމް ވަނީ ދެއްވާފައެވެ.