ދަރިވަރުންނަށް އުނގަންނައިދިނުމަށް ޓިއުޝަނަށް ބަރޯސާވުމުގެ އާދަ ވަރަށްބޮޑަށް ވަނީ އަށަގަނެފައި: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދަރިވަރުންނަށް އުނގަންނައިދިނުމަށް ޓިއުޝަނަށް ބަރޯސާވުމުގެ އާދަ ވަރަށްބޮޑަށް ވަނީ އަށަގަނެފައި: ވަޒީރު

ރާއްޖޭގެ ދަރިވަރުން ކިޔެވުމުގައި ޓިއުޝަނަށް ބަރޯސާވުމުގެ އާދަ ވަރަށް ބޮޑަށް އަށަގަނެފައިވާކަން ތަޢުލީމީ ދާއިރާގެ ވަޒީރު ފާހަގަކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ، ދަރިވަރުންގެ މެދުގައި މި އާދަ ހަރުލާފައިވާ މިންވަރު މިހާރު ހުރީ ކަންބޮޑުވާންޖެހޭ ފަދަ ދަރަޖައެއްގައި ކަމަށެވެ.

ހުޅުމާލޭ ސީއެޗްއެސްސީ ހޯލުގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމް 2025 ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ބައެއް ދަރިވަރުން ދުވާލަކު 4 އާއި 6 ގަޑިއިރާ ދެމެދުގެ ވަގުތެއް ޓިއުޝަނުގައި ހޭދަކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ ސްކޫލް ވަގުތުގެ އިތުރުން ދަރިވަރުން ކިޔެވުމަށް ހޭދަކުރާ ވަރަށް ގިނަ ވަގުތުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓިއުޝަނަށް މާ ބޮޑަށް ބަރޯސާވުމުގެ ސަބަބުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށްފާނެކަމުގެ އިންޒާރު ވަޒީރު ވަނީ ދެއްވާފައެވެ. ދަރިވަރުންގެ މުޅި ދުވަސް ކިޔެވުމާއި ޓިއުޝަނުގައި ހޭދަވުމަކީ އެކުދިންގެ ވިސްނުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

ސަރުކާރުގެ އަމާޒަކީ ސްކޫލުން ދޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް، ދަރިވަރުން އިތުރު ޓިއުޝަނަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ސްކޫލް މާޙައުލުގެ ތެރެއިން ދަރިވަރުންނަށް ބޭނުންވާ ފުރިހަމަ ތަޢުލީމު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ވަނީ ހާމަކުރައްވާފައެވެ.

ދަރިވަރުންގެ ވަގުތު ރަނގަޅަށް މެނޭޖުކުރުމާއި، ހިތްހަމަޖެހޭ ކަންކަމުގައި ވަގުތު ހޭދަކުރުމަކީ ކުދިންގެ ކުރިއެރުމަށް މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ކިޔެވުމުގެ އިތުރުން ކުޅިވަރާއި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވެ، އުފާވެރި މާޙައުލެއްގައި ދަރިވަރުން ބޮޑުވުމަކީ އެކުދިންގެ ޝަޚުޞިއްޔަތު ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވިދާޅުވެ ވަޒީރު ވަނީ ވާހަކަފުޅު ނިންމަވާލައްވާފައެވެ.

މިއަދު އޮންލައިން