އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެއްޖެއެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 17.5 އިންސައްތަ އިތުރުވެފައެވެ.

ރާއްޖޭގެ އެއާޕޯޓުތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ދެ ބާވަތެއްގެ ފީއެއް ނަގަމުންދެއެވެ. އެއީ ޑިޕާޗަރ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އެވެ. މީރާގެ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު މި ދެ ބާވަތުން ޖުމްލަ 2.1 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.8 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 17.5 އިންސައްތައިގެ ކުރިއެރުމެކެވެ.

ވަކިވަކި ޓެކްސްތަކަށް ބަލާއިރު، ޑިޕާޗަރ ޓެކުހުގެ ގޮތުގައި އެކަނިވެސް މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 1 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 907 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 17 އިންސައްތައިގެ އިތުރުވުމެކެވެ.

މި އާމްދަނީ އިތުރުވުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ. މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މިފަދަ ޓެކްސްތަކާއި ފީތަކުންނެވެ.

މިއަދު އޮންލައިން