ޢަލީ އިޙްޞާން ފިރާޤް
އެކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. {ބަނީއިސްރާއީލުންގެ ތެރޭގައި (މުޞީބާތްޖެހިފައިތިބި) ތިން މީހަކު ތިއްބެވެ. އެއިގެތެރެއިން އެކަކީ، ބަރަޞްބަލި ޖެހިފައިހުރި މީހެކެވެ. އަނެކަކީ، އޭނާގެ ބޮލުގެ އިސްތަށި ފައިބައިފައިހުރި މީހެކެވެ. އަދި އަނެކަކީ، އޭނާގެ ދެ ލޯކަނުވެފައިހުރި މީހެކެވެ. ފަހެ، اللَّهُ ސުބުޙާނަހޫވަތަޢާލާ އެބައިމީހުން އިމްތިޙާނުކުރެއްވުމަށް އިރާދަކުރައްވައި، އެބައިމީހުންގެ ގާތަށް (އިންސާނެއްގެ ސިފައިގައި) މަލާއިކަތަކު ފޮނުއްވިއެވެ.
ފަހެ، އެ ކަލޭގެފާނު ބަރަޞްބަލިޖެހިފައިހުރި މީހާގެ ގާތަށްވަޑައިގެން ވިދާޅުވިއެވެ. ތިބާއަށް އެންމެބޮޑަށް ބޭނުމީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑުގެ ގައިގެކުލަ ރީތިވުމާއި، ގައިގެ ހަންގަނޑުގައިހުރި ލަކުނުތައް ފިލައި، ގައިގެ ހަންގަނޑު ރީތިވުމެވެ. އަދި އަޅުގަނޑުދެކެ މީސްތަކުން ފޫހިވެ ނަފުރަތުކުރާ މި ބަލިމަޑުކަން އަޅުގަނޑުގެ ކިބައިން ފިލައިދިޔުމެވެ!! ފަހެ، އެ ކަލޭގެފާނު އޭނާގެ ގައިގައި އަތްޕުޅުން ފިރުންމަވައި ލެއްވުމުން، އޭނާގެ ކިބައިގައިހުރި ފަކުރުވެރި ބަލިމަޑުކަން ފިލައިގެން ހިނގައްޖެއެވެ. އަދި ގައިގެ ކުލަވެސް އަލިވެއްޖެއެވެ! ދެން އެ ކަލޭގެފާނު އޭނާގެ ގާތުގައި އެއްސެވިއެވެ. މުދަލުގެ ތެރެއިން ތިބާ އެންމެބޮޑަށް ބޭނުމީ ކޮން އެއްޗެއްހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑު އެންމެބޮޑަށް ބޭނުމީ ޖަމަލެވެ. ނުވަތަ އޭނާދެންނެވީ ގެރި ކަމުގައެވެ. މިއީ ރާވީއަށް އަރައިފައިވާ އޮޅުމެކެވެ. (އެބަހީ: އޭނާ ދެންނެވިކަމުގައި ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވީ، ޖަމަލު ތޯ ނުވަތަ ގެރި ތޯ މި ދެ ބަހުންކުރެ ކީކޭކަން ރާވީއަށް އޮޅުނީއެވެ.) ފަހެ، އެ ކަލޭގެފާނު، އޭނާއަށް މާބަނޑު ޖަމަލެއް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ތިބާއަށްޓަކައި މި ޖަމަލުގައި اللَّهُ ބަރަކާތް އިތުރުކޮށްދެއްވާށިއެވެ!
{އެއަށްފަހު ބޮލުގެ އިސްތަށި ފައިބައިފައިހުރި މީހާގެ ގާތަށް އެ ކަލޭގެފާނު ވަޑައިގަތެވެ. އަދި އޭނާއަށް ވިދާޅުވިއެވެ. ތިބާއަށް އެންމެ ބޮޑަށް ބޭނުމީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑު އެންމެ ބޮޑަށް ބޭނުމީ، ބޮލުގައި ރީތި އިސްތަށިގަނޑެއް އޮތުމެވެ. އަދި އަޅުގަނޑުދެކެ މީސްތަކުން ފޫހިވެ، ނަފުރަތުކުރާ މި ބަލި ފިލައިދިޔުމެވެ!! ފަހެ، އެ ކަލޭގެފާނު އޭނާގެ ގައިގައި އަތްޕުޅުން ފިރުންމަވައިލެއްވުމުން، އޭނާގެ ކިބައިގައިހުރި ބަލިމަޑުކަން ފިލައިގެން ހިނގައްޖެއެވެ. އަދި ރީތި އިސްތަށިގަނޑެއް އޭނާއަށް ދެއްވުނެވެ. ދެން އެ ކަލޭގެފާނު، އޭނާގެ ގާތުގައި އެއްސެވިއެވެ. މުދަލުގެ ތެރެއިން ތިބާ އެންމެބޮޑަށް ބޭނުމީ، ކޮން އެއްޗެއްހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑު އެންމެ ބޭނުމީ ގެރި އެވެ. ފަހެ، އެ ކަލޭގެފާނު އޭނާއަށް މާބަނޑު ގެރިއެއް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ތިބާއަށްޓަކައި މި ގެރީގައި اللَّهُ، ބަރަކާތް އިތުރުކޮށްދެއްވާށިއެވެ.
އެއަށްފަހު، ދެ ލޯކަނުވެފައިހުރި މީހާގެ ގާތަށް އެ ކަލޭގެފާނު ވަޑައިގަތެވެ. އަދި އޭނާއަށް ވިދާޅުވިއެވެ. ތިބާއަށް އެންމެބޮޑަށް ބޭނުމީ ކޮން ކަމެއްހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑު އެންމެބޮޑަށް އެދެނީ، އަޅުގަނޑުގެ ދެ ލޮލުގެ ފެނުން މާތް اللَّهُ އަނބުރައި އަޅުގަނޑަށް ލިބިދެއްވުމެވެ. އަދި އެ ދެ ލޮލުން އަޅުގަނޑު މީސްތަކުން ދުށުމެވެ! ފަހެ، އެ ކަލޭގެފާނު، އޭނާގެ ގައިގައި އަތްޕުޅުން ފިރުންމަވައިލެއްވުމުން، اللَّهُ، އޭނާގެ ދެ ލޮލުގެ ފެނުން އޭނާއަށް އަނބުރައި ލިބިދެއްވިއެވެ. ދެން އެ ކަލޭގެފާނު އޭނާގެ ގާތުގައި އެއްސެވިއެވެ. މުދަލުގެ ތެރެއިން ތިބާ އެންމެބޮޑަށް ބޭނުމީ ކޮން އެއްޗެއްހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑު އެންމެ ބޭނުމީ، ބަކަރި އެވެ. ފަހެ، އެ ކަލޭގެފާނު އޭނާއަށް ވިހައިގެންއޮތް ބަކަރިއެއް ނުވަތަ ބަނޑު ބޮޑު ބަކަރިއެއް ދެއްވިއެވެ.
ފަހެ، އެ ދެ މީހުންނަށް ދެއްވުނު ޖަމަލާއި ގެރިއާއި، އަދި މި މީހާއަށް ދެއްވުނު ބަކަރި ވިހައި، މި ހުރިހައި ތަކެތި އިތުރުވެ ގިނަވިއެވެ. ފަހެ، އެ މީހާގެ އަތުގައި ވާދީއެއް ފުރެންދެން ޖަމަލުތައް އޮތެވެ. އަދި އަނެކެއްގެ އަތުގައި ވާދީއެއް ފުރެންދެން ގެރިތައް އޮތެވެ. އަދި އަނެކަކުގެ އަތުގައި ވާދީއެއް ފުރެންދެން ބަކަރިތައް އޮތެވެ.
ދެން އެއަށްފަހު (އަނެއްކާ) އެ ކަލޭގެފާނު، އެ ބަރަޞްބަލި ޖެހިފައިހުރި މީހާގެ ގާތަށް، އޭނާގެ ސިފައިގައި އެ ޙާލަތުގައި ވަޑައިގަތެވެ. (އެބަހީ: ކުރިން އޭނާ ބަރަޞްބަލި ޖެހިފައި ހުރިއިރު ހުރިހެން ބަލި ޙާލަތުގައި އެ ސިފައިގައި ވަޑައިގަތެވެ.) އަދި ވިދާޅުވިއެވެ. ތިމަންނާއަކީ ވަރަށް އެކަނިވެރި މިސްކީނަކީމެވެ. ދަތުރުމަތީގައި މި ވަނީ ޙާލުގައިޖެހި ކާނޭބޯނޭ ފަދައެއް ވެސް ނެތިފައެވެ. މިއަދު ތިމަންނާ އެހީއަކަށްއެދުމަށް، اللَّهُފިޔަވައި އެހެން ފަރާތެއް ނުވެއެވެ. ދެން ތިބާގެ އެހީތެރިކަމަށް އެދުންނޫން ގޮތެއް ނެތެވެ. ތިބާއަށް ތިޔަފަދަ ރީތި ގައިކުލަ އާއި އޮމާން ހަމާއި، މުދައު ދެއްވި ފަރާތުގެ ޙައްޤުގައި، އަހަރެންގެ މި ދަތުރުގައި ސަވާރުވުމަށްޓަކައި ޖަމަލެއް ދިނުމަށް ތިބާގެ ކިބައިން އެދެމެވެ. ފަހެ، އޭނާ ދެންނެވިއެވެ. އަހަރެން އަދާކުރަންޖެހޭ ޙައްޤުތައް ވަރަށްގިނައެވެ. (ވީމާ ޖަމަލެއް ދެވޭކަށް ނެތެވެ.) ފަހެ، އެ ކަލޭގެފާނު އޭނާއަށް ވިދާޅުވިއެވެ. އަހަރެން މީގެ ކުރިން ވެސް ކަލޭ ދުށް ހަނދާންނެއް ވެއެވެ! ކަލެއަކީ ބަރަޞްބަލިޖެހިގެން، މީސްތަކުން ކަލޭދެކެ ފަކުރުހީވެ، އެކަނިވެރިވެފައިވި، ނިކަމެތި ފަޤީރު މީހާ ނޫންހެއްޔެވެ؟ ފަހެ، اللَّهُ، ކަލެއަށް ތިޔަފަދަ ބޮޑު މުދާވެރިކަން ދެއްވީ ނޫންހެއްޔެވެ؟ އޭނާދެންނެވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. މިއީ އަހަރެންގެ ކާބަފައިންގެ ފަރާތުން މިރިމިނީން ވާރުތައިން ލިބިފައިވާ ތަކެއްޗެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ކަލޭ ތިޔަ ބުނާ ބަހުގައި ކަލެއަކީ ދޮގުވެރިޔަކުކަމުގައި ވަނީނަމަ، ކަލޭ ކުރިންހުރި ނިކަމެތި ޙާލަށް މާތް اللَّهُ، ކަލޭ އަނބުރާ ރައްދުކުރައްވާށިއެވެ!
ދެން އެ ކަލޭގެފާނު ވަޑައިގަތީ، ބޮލުން އިސްތަށިވެރިފައިހުރި މީހާގެ ގާތަށެވެ. އޭނާ ކުރިންހުރި ސިފައިގައި، އެ ޙާލަތުގައި ވަޑައިގެން، ކުރީ މީހާގެ ގާތުގައި ވެސް ވިދާޅުވިފަދައިން އާދޭސްކުރައްވައި، އެހީއަކަށް އެދިވަޑައިގަތެވެ. ފަހެ، މި މީހާ ވެސް ކުރީ މީހާ ދެންނެވިކަހަލަ ގޮތަކަށް އެ ކަލޭގެފާނަށް ދެންނެވިއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ކަލޭ ތިޔަ ބުނާ ބަހުގައި، ކަލެއަކީ ދޮގުވެރިއަކުކަމުގައި ވަނީނަމަ، ކަލޭ ކުރިންހުރި ނިކަމެތި ޙާލަށް މާތް اللَّهُ، ކަލޭ އަނބުރާ ރައްދުކުރައްވާށިއެވެ!!
ދެން އެކަލޭގެފާނު ވަޑައިގަތީ، ދެ ލޯކަނުވެފައިހުރި މީހާގެ ގާތަށެވެ. އޭނާ ކުރިންހުރިފަދައިން ދެ ލޯކަނު މީހެއްގެ ސިފައިގައި، އެ ޙާލަތުގައި ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. ތިމަންނާއަކީ ވަރަށް އެކަނިވެރި މިސްކީނަކީމެވެ. ދަތުރުމަތީގައި މި ވަނީ ޙާލުގައިޖެހި، ކާނޭބޯނޭ ފަދައެއް ވެސް ނެތިފައެވެ. މި އަދު ތިމަންނާ އެހީއަކަށް އެދުމަށް اللَّهُފިޔަވައި އެހެން ފަރާތެއް ނުވެއެވެ. ދެން ތިބާގެ އެހީތެރިކަމަށް އެދުންނޫން ގޮތެއްނެތެވެ. ތިބާއަށް ދެ ލޮލުގެ ފެނުންދެއްވި ދީލަތިވަންތަ މާތްރަސްކަލާނގެ ޙައްޤުގައި، އަހަރެންނަށް ތިޔަތަނުން އެންމެ ބަކަރިއެއް ދިނުމަށް ތިބާގެ ކިބައިން އެދެމެވެ. ފަހެ، އޭނާ ދެންނެވިއެވެ. އަޅުގަނޑަކީ، ކުރީގައި ދެ ލޯކަނު މީހަކީމެވެ. މާތް اللَّهُ، އަޅުގަނޑުގެ ދެ ލޮލުގެ ފެނުން އަނބުރާ ލިބިދެއްވިއެވެ. ފަހެ، މިތަކެތީގެ ތެރެއިން ތިބާ ބޭނުންފުޅު މިންވަރަކަށް ނަންގަވައިފައި، އެއްޗެއް ބަހައްޓަވަން ފެނިލައްވަނީނަމަ ބަހައްޓަވާށެވެ!! اللَّهُ ގަންދީ ދަންނަވަމެވެ. اللَّهُގެ މަގުގައި ތިބާ ކޮންމެ އެއްޗެއް ނެންގެވިއަސް، އަޅުގަނޑު ހުރަހެއްނާޅާހުށީމެވެ! އެ ކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެ މުދައު ކަލޭ ބަހައްޓާށެވެ! ހަމަކަށަވަރުން، މާތް اللَّهُ ކަލޭމެން (ތިން މީހުން) އިމްތިޙާނުކުރެއްވީއެވެ. ހަމަކަށަވަރުން، اللَّهُ، ކަލެއަށް ރުއްސަވައިފިއެވެ. އަދި ކަލޭގެ އެކުވެރި އަނެއް ދެ މީހުންނަށް އެކަލާނގެ ކޯފާލައްވައިފިއެވެ.{ البخاري، كِتَابُ أَحَادِيثِ الأَنْبِيَاءِ، بَابُ مَا ذُكِرَ عَنْ بَنِي إِسْرَائِيلَ، رقم الحديث{3464
މިދެންނެވި ޙަދީޘްގެ ތަރުޖަމާ ނަކަލުކުރީ އައްޝައިޚް އަޙްމަދު ފާރޫޤު މުޙައްމަދު ތަރުޖަމާކުރެއްވި ރިޔާޟުއްޞާލިޙީން ފޮތުންނެވެ.