ޢާއިޝަތު ރަފާޙް ޢަލީ
މިއީ ސުންނަތުން ސާބިތުވާ ވަރަށް ފުރިހަމަ، ރީތި ދުޢާއެކެވެ. ބުޚާރީ އާއި މުސްލިމްގައި ރިވާވެގެންވާ ޞަޙީޙު ދުޢާއެކެވެ. ސަނަދު ނުހަނު ޞަޙީޙު ރިވާޔަތެކެވެ. ކީރިތި ރަސޫލާ ﷺ ތަހައްޖުދު ވަގުތުގައި މި ދުޢާ ވިދާޅުވާ ކަމަށްވެއެވެ.
އަޅުގަނޑުމެން މި ދުޢާ ދަސްކުރާނަމުއެވެ. ނަމަވެސް ސުބުޙާނަﷲ، ތަހައްޖުދު ވަގުތަކީ އިސްތިޣްފާރު ކުރުމަށާއި، ﷲ ގެ ޙަޟްރަތަށް ރުޖޫޢަވުމަށް ލިބޭ ވަރަށް ފުރިހަމަ ފުރުޞަތެއްކަން އަޅުގަނޑުމެން ދަންނަންޖެހެއެވެ. މިއީ އެމީހެއްގެ ބޭނުންތައް ފުއްދެވުމަށް އެދި ދެންނެވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެކެވެ.
" اللَّهُمَّ لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ، لَكَ مُلْكُ السَّمَوَاتِ وَالأَرْضِ وَمَنْ فِيهِنَّ، وَلَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالأَرْضِ، وَلَكَ الْحَمْدُ أَنْتَ الْحَقُّ، وَوَعْدُكَ الْحَقُّ، وَلِقَاؤُكَ حَقٌّ، وَقَوْلُكَ حَقٌّ، وَالْجَنَّةُ حَقٌّ، وَالنَّارُ حَقٌّ، وَالنَّبِيُّونَ حَقٌّ، وَمُحَمَّدٌ صلى الله عليه وسلم حَقٌّ، وَالسَّاعَةُ حَقٌّ، اللَّهُمَّ لَكَ أَسْلَمْتُ، وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ، وَإِلَيْكَ أَنَبْتُ، وَبِكَ خَاصَمْتُ، وَإِلَيْكَ حَاكَمْتُ، فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ وَمَا أَعْلَنْتُ، أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ، لاَ إِلَهَ إِلاَّ أَنْتَ ـ أَوْ لاَ إِلَهَ غَيْرُكَ
މާނައީ:
"އޭ ﷲ! އެންމެހައި ޙަމްދެއް ހުރީ އިލާހަށެވެ. އުޑުތަކާއި ބިމާއި، އެތަންތަނުގައިވާ އެންމެހައި ތަކެއްޗެއް ބަލަހައްޓަވާ އިލާހެވެ.
އަދި އެންމެހައި ޙަމްދެއް ހުރީ ﷲ އަށެވެ. އުޑުތަކާއި ބިމާއި، އެތަންތަނުގައިވާ އެންމެހައި ތަކެއްޗެއްގެ ވެރިކަން މިލްކުވެގެންވަނީ އިބަ އިލާހަށެވެ.
އަދި އެންމެހައި ޙަމްދެއް ހުރީ އިބަ އިލާހަށެވެ. އިލާހީ އުޑުތަކާއި ބިމުގެ ނޫރެވެ.
އަދި އެންމެހައި ޙަމްދެއް ހުރީ އިބަ އިލާހަށެވެ. އިބަ އިލާހީ ޙައްޤު އިލާހެވެ. ވަޢުދުފުޅަކީ ޙައްޤު ތެދެވެ. ބައްދަލުވުމަކީ ޙައްޤު ތެދެކެވެ. ބަސްފުޅަކީ ޙައްޤު ތެދެވެ. ސުވަރުގޭގެ ޚަބަރަކީ ޙައްޤު ތެދެކެވެ. ނަރަކައިގެ ޚަބަރަކީ ޙައްޤު ތެދެކެވެ. ނަބީބޭކަލުންނަކީ ޙައްޤު ބޭކަލުންނެވެ. މުޙައްމަދު ﷺ އަކީ ޙައްޤު ރަސޫލާއެވެ. އަދި ޤިޔާމަތް ދުވަހަކީ ޙައްޤު ތެދެކެވެ.
އޭ ﷲ! އަޅުގަނޑު އިބަ އިލާހަށް ކިޔަމަންވެއްޖެއީމެވެ. އަދި އިބަ އިލާހަށް އީމާންވެއްޖެއީމެވެ. އަދި އިބަ އިލާހަށް ވަކީލުކޮށްފީމެވެ. އަދި އިބަ އިލާހުގެ ޙަޟްރަތަށް ތައުބާވެ ރުޖޫޢަވެއްޖެއީމެވެ. އަދި އިބަ އިލާހުގެ ޙައްޤުގައި (ޢަދާވާތްތެރިންނާ) ޚޞޫމާތްތެރިވެއްޖެއީމެވެ. އަދި ޙުކުމްއެދި ދިޔައީ އިލާހުގެ ޙަޟްރަތަށެވެ.
ފަހެ، އަޅުގަނޑުގެ އިސްވެދިޔަހައި ފާފައަކާއި ފަސްވެދިޔަހައި ފާފައެއް އަޅުގަނޑަށް ފުއްސަވައިދެއްވާނދޭވެ! އަދި އަޅުގަނޑު ސިއްރުން ކުރި ފާފަތަކާއި ފާޅުގައި ކުރި ފާފަތައްވެސް ފުއްސަވައިދެއްވާނދޭވެ!
އިލާހީ ކުރިއަށްނެރުއްވާ އަދި ފަސްކުރައްވާ އިލާހެވެ. އިލާހު ފިޔަވައި ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ.
ތަހައްޖުދު ވަގުތަކީ ﷲ ދުޢާ ޤަބޫލުކުރައްވާ، ބަރަކާތްތެރި، ވަރަށް މާތް ވަގުތެކެވެ. އަދި ކީރިތި ރަސޫލާ ﷺ ވެސް ޚާއްޞަކޮށް މި ވަގުތުގައި އެކަލޭގެފާނުގެ ބޭނުންފުޅުތަކަށް އެދިވަޑައިގެން ﷲ ގެ ޙަޟްރަތަށް ރުޖޫޢަވެވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވިއެވެ: ކޮންމެ ތަހައްޖުދު ވަގުތެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވައެވެ: (އެދޭނެ އެއްވެސް މީހަކު ވޭހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަންﷲ ދެއްވާހުށީމެވެ.) (ފާފަފުއްސެވުމަށް އެދޭނެ އެއްވެސް މީހަކު ވޭހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަންﷲ ފާފަފުއްސަވައިދެއްވާހުށީމެވެ.) މި ވަގުތުގައި އިސްތިޣްފާރު ކުރުން (ފާފަފުއްސެވުމަށް އެދި ދުޢާކުރުން) ނުހަނު އެދެވިގެންވެއެވެ. ތަހައްޖުދުގައި އިސްތިޣްފާރު ކުރުމެވެ. އިންޝާﷲ، މިއަދު އަޅުގަނޑުމެން ދަސްކުރާނީ އެކަން ކުރާނެ ގޮތެވެ.
--މިއަދުނޫސް